ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ޗާންސެލާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިން ހުށަހެޅުއްވުމާ ގުޅިގެން، އެމަނިކުފާނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑރ. މުހައްމަދު ޒާހިރު ހުސައިނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަކީ، ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީ އަށް ވަރަށް އިހުލާސްތެރިކަމާއެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީވެސް، ތައުރީފު ހައްގު މަސައްކަތްޕުޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޒާހިރު ހުސައިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ހިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ސަރުކާރުންވެސް އެ ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.

އަދި ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރައްވައި، ފެންވަރު މަތިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފް ކުރެއްވިއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޒާހިރު ހުސައިން ދައުލަތަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ހާއްސަ ސިޓީފުޅެއް އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.

އެ ސިޓީފުޅުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައްޔާއި އަދި އޭގެކުރިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތައުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ.

އަދި މިނިސްޓާ އޮފް އެޑިޔުކޭޝަންކަމުގެ މަގާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމުގައްޔާއި، ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުގައްރަރުތައް އެކުލަވައިލެއްވުމުގައްޔާއި، އަސާސީ ތައުލީމުގެ މަޝްރޫއު ހިންގެވުމުގައްޔާއި، ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާ ކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު އެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފައި ވެއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

އެމަނިކުފާނަށް ދައުލަތުން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. އަދި ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.