އެހެން އެއްވެސް ގައުމަކަށްވުރެ ޗާގޯސް ހައްގުވަނީ ރާއްޖެ އަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ތާރީހީ ގޮތުން ދިވެހިން "ފޯޅަވަހި" ގެ ނަމުން ނަންދީފައިވާ ޗާގޯސް ޖަޒީރާތަކުގެ މުސްތަގުބަލާ ގުޅޭގޮތުން އެމަނިކުފާނުގެ ސަރުކާރުން އިނގިރޭސި ސަރުކާރާ މުއާމަލާތް ކުރަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ.
އެމަނިކުފާނު ވަކާލާތު ކުރައްވާ ގޮތުގައި، ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށްވުރެ ޖިއޮގްރަފީ ގޮތުންނާއި، ތާރީހީ ގޮތުން އަދި ގާނޫނީ ގޮތުންވެސް ދިވެހިރާއްޖެ މާ ބޮޑަށް ގާތްވެފައި ހައްގުކަން ބޮޑެވެ.
ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، އެ މައްސަލައަކީ ހަމައެކަނި ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި ކަމެއް ނޫނެވެ. މިއީ ތާރީހީ ހަގީގަތްތަކާއި، އިންސާފާއި، އަދި ޒަމާންވީ ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ބަހައްޓާ ޝައުގުވެރިކަމާ ގުޅޭ ކަމެކެވެ.
"ރަސްމީ މުއާމަލާތްތަކުގެ ޒަރީއާއިން، އަޅުގަނޑުމެންގެ ކަންބޮޑުވުންތަކާއި އަޅުގަނޑުމެންގެ ދައުވާ އިނގިރޭސި ސަރުކާރަށް މިހާރު އޮންނާނީ ވަރަށް ސާފުކޮށް އެނގިފައި. ދިވެހި ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާތަކާއި ނުވަތަ އަޅުގަނޑުމެން ދަންނަ ނަމުން ނަމަ ފޯޅަވައްސާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރި. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން. އަދި އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް މި ރަށްތަކުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު ރާއްޖެއަށް ލިބިގެންވާ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،"
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރަސްމީ ސިޓީބިޓީގެ ޒަރީއާ އިން އިނގިރޭސި ސަރުކާރަށް އެ މައްސަލާގައި ރާއްޖޭގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވާނީ ރަސްމީ ސިޓީބިޓީގެ ޒަރީއާއިން އިނގިރޭސި ސަރުކާރަށް އަޅުގަނޑުމެންގެ ދައުވާއާއި ކަންބޮޑުވުންތައް ހުށަހަޅާފައި. މި މަޝްވަރާތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ނަމަވެސް، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރުގެ މައްޗަށް އެންމެ ވަރުގަދަ ދައުވާއެއް އޮތީ ދިވެހިރާއްޖެއަށް ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތްކަން ތަކުރާރުކޮށް ދަންނަވަން،" އެ އިންޓަވިއުގައި ރައީސް ވިދާޅުވިއެވެ.
މޮރިޝަސްގެ މައި ރަށާއި އެ ގައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ޗާގޯސް ޖަޒީރާތަކާ ގާތްގަނޑަކަށް 1,300 މޭލު ދުރުގައެވެ. އޭގެ ބަދަލުގައި، ރާއްޖޭގެ ވެރިރަށް މާލެއާ ޗާގޯސްއާ ދެމެދު ހުރީ އެންމެ 310 މޭލެވެ.
ޗާގޯސް އެއްބަސްވުމާ މެދު ރާއްޖެއާ އިނގިރޭސިވިލާތާއި ދެމެދު ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރަށް ބަދަހި ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ރައްޔިތުން އެންމެ ދާން ބޭނުންވާ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭއިރު، އިނގިރޭސިވިލާތާ އެކު ރާއްޖެއަށް އޮތް ފަދަ ގާތް ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމެއް މަދު ގައުމަކަށް ނޫނީ ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ ބިނާކުރުމުގައި އިނގިރޭސި ފަތުރުވެރިންގެ އެހީތެރިކަން ވަރަށް ބޮޑު. ރާއްޖެއަށް އެންމެ ފުރަތަމަ ގިނަ އަދަދަކަށް ޒިޔާރަތްކުރީ އިނގިރޭސިން. އަޅުގަނޑުމެންގެ އެންމެ ކުރީގެ މުޝީރުންގެ ތެރޭގައި އިނގިރޭސި އާކިޓެކްޓުންނާއި، އިންޖިނޭރުންނާއި، ހޮޓެލް ހިންގާ ފަރާތްތައް ހިމެނޭ. އަދި އަޅުގަނޑުމެން ބަލައިގަތީ އިނގިރޭސި މެހެމާންދާރީގެ މިންގަނޑުތައް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ގުޅުން އަދިވެސް އޮތީ ވަރުގަދަކޮށް ކަމަށެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސިން އަބަދުވެސް ގަދަ ތިނެއްގައި ހިމެނެއެވެ. ރައީސް މުއިއްޒު އެއްވެސް ޖެހިލުމެއް ނެތި ސިފަކުރެއްވި ގޮތުގައި، އެމީހުން ރާއްޖެއަށް ދަނީ "ދުނިޔޭގެ އެންމެ ސާފު ފެނާއި، އެންމެ ފުރިހަމަ ގޮނޑުދޮށްތަކާއި، އެންމެ ހުދު ދޮންވެލީގެ" ހިތްގައިމުކަން ތަޖުރިބާކުރުމަށެވެ.
އަންރުވާ އިމާރާތް ބިމާ ހަމަކުރުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ބުޅާ ފެސިލިޓީ ނުބެލެހެއްޓޭ ނަމަ ކައުންސިލާ ހަވާލުކޮށްދޭން އެދިއްޖެ
އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް
އީޔޫ - އިންޑިއާ: ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމާއި ގާތަށް
"ބުލީ"އަށްވުރެ އިސްކަންދެނީ އިހުތިރާމްކުރާ މީހުންނަށް: މެކްރޮން
ބީޖޭޕީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕާޓީގެ ރައީސްކަމަށް ޒުވާނެއް