ދިވެހި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލެއިން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ޖުމްލަ 7500 ހައުސިން ޔުނިޓާއި 15000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވައުދު ކަމުގައިވާ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ކަމުގައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވެސް ބުންޏެވެ.
އެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ކޮންމެ އާއިލާއަކީ ވެސް އަބުރުވެރި ކަމާއެކީ ދިރިއުޅެވޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާ އާއިލާއަކަށް ހެދުން ކަމަށެވެ.
އެ ޕްރޮގްރާމުގެ ދަށުން ދެ ސްކީމެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ ސްކީމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ބިން ދިނުމުގެ ސްކީމެވެ. މި ދެ ސްކީމަށްވެސް މާލޭގެ ރަށްވެހިންނަށާއި މާލެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ދެ މޮޑެލްއެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. އެއީ އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލްއާއި ރެންޓް-ޓު-އޯން މޮޑެލްއެވެ. މި ދެ މޮޑެލްއަކީވެސް ގެދޮރު މިލްކުކުރެވޭ މޮޑެލްތަކެކެވެ.
އެކަމާ ގުޅޭގޮތުން، "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ އުސޫލު" އާއި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދިނުމުގެ އުސޫލު" މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ދެ އުސޫލުގައިވެސް އެ ސްކީމްތަކަށް ޝަރުތު ހަމަވާ ފަރާތްތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ހިމެނިފައިވެއެވެ.
ބަންޑުން ޖަހާލި ބޯޓުން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
މިއީ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު: އާޒިމް
އަލީ އާޒިމް ބަލި ގަބޫލުކުރައްވާ އާދަމް އާޒިމަށް މަރުހަބާ ކިޔައިފި