މި ވަގުތަކީ އެންމެން އެކުގައި މަސައްކަތްކޮށް މައްސަލަތައް ހައްލުކުރަންވީ ވަގުތު ކަމަށް އިއްޔެ ބޭއްވި އިދިކޮޅު އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ލިބުނު ކާމިޔާބީގެ އުފާފާޅު ކުރުމަށް ރޭ ސިޓްރަންގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ވާދަވެރި އިންތިހާބުތައް ބާއްވައިގެން ކުރިޔަށްދާ ޕާޓީއެއް ކަމަށެވެ. އަދި މިއީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑާ ވާދަކުރެއްވި ފަރާތްތަކަށް ވެސް އަޅުގަނޑު މަރުހަބާ ދަންނަވަން. އަދި އަޅުގަނޑު އެދެނީ އެބޭފުޅުން އަޅުގަނޑާ އެއްކޮށް މަސައްކަތް ފަށާދެއްވާ އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތްކޮށް ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދީ މާލެ ސިޓީ މޭޔަރުކަމާއި މާލެ ސިޓީގެ ކައުންސިލާއި އަދި މުޅި ރާއްޖޭގެ ކައުންސިލް އެއްކޮށް ނަގައި ދިނުމަށް އެންމެން އެއްކޮށް މަސައްކަތް ފަށަން،" އާޒިމް ވިދާޅުވިއެވެ.
މިހާރުވެސް މާލޭގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް ޓިކެޓު ކަށަވަރު ކުރެއްވީ އޭނާއާ ވާދަކުރެއްވި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ވާދަކުރައްވާ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
އަލީ އާޒިމް ވަނީ ބަލި ގަބޫލުކުރައްވަވާ އާދަމް އާޒިމް އަށް ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ. އެ ފޯނު ކޯލުގައި އާދަމް ވަނީ އަލީ އާޒިމްގެ އަރިހުން އޭނާ މޭޔަރުކަމަށް ހޮއްވަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަލީ އާޒިމް ވަނީ މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާދަމް އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ 1400 އެއްހާ ވޯޓު ހޯއްދަވައިގެންނެވެ. އަލީ އާޒިމަށް ލިބިވަޑައިގަތީ 900 އެއްހާ ވޯޓެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް