މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 229 ވަނަ ރަސްމީ އާންމު ޖަލްސާ، ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ބާއްވަމުން އަންނަ ކައުންސިލްގެ އާންމު ޖަލްސާ، މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތީ ހެނދުނު 9:30 ގައެވެ.
މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މާލެ ސިޓީ ކައުންސިލްގައި ޖުމްލަ 17 ކައުންސިލަރުން ތިއްބަވައެވެ. ކައުންސިލް ޖަލްސާއެއްގެ ކޯރަމް ހަމަވާނީ 10 މެމްބަރުން ހާޒިރުވެގެން ކަމަށްވާއިރު، މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ މޭޔަރާއެކު އެންމެ 7 ކައުންސިލަރުންނެވެ.
ކައުންސިލްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޯރަމް ހަމަވޭތޯ 15 މިނެޓް މަޑުކުރުމަށްފަހު، އަދަދު ހަމަނުވުމުން ރިޔާސަތުން ވަނީ ޖަލްސާ ކެންސަލް ކުރައްވާފައެވެ.
މިއަދުގެ ޖަލްސާ ކެންސަލްވިއިރު، މުހިންމު ފަސް ކަމެއް އެޖެންޑާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ މިއަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމެވެ. މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހު ބޭއްވި 228 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުންވެސް އެޖެންޑާގައި ހިމެނެއެވެ.
ބަޖެޓްގެ އިތުރުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ދެ މައްސަލައެއްވެސް މިއަދުގެ ޖަލްސާގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ ހިމަނާފައެވެ. އެއީ:
* މާލޭގެ ކުނީގެ މައްސަލަ: މާލޭގެ މަގުތަކުގައި ބޮޑެތި ކުނިފުނިތައް ޖެހި، އެތައް ދުވަހެއް ވަންދެން ނުނަގައި ހުންނަ މައްސަލައާ ގުޅޭގޮތުން ކައުންސިލަރު މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒް އަދި ކައުންސިލަރު މުހައްމަދު ސައިފް ފާތިޚް ހުށަހަޅުއްވާފައިވާ މައްސަލަ.
* ފްލެޓްތަކުގެ ޖޫރިމަނާ މާފުކުރުން: އެކި ސަބަބުތަކާހުރެ ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ ކުލި ނުދެއްކި ލަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމާ ގުޅޭގޮތުން ކައުންސިލަރު އިބްރާހިމް މުހައްމަދު ހުށަހަޅުއްވާފައިވާ މައްސަލަ. މީގެ ކުރިންވެސް ކައުންސިލުން ވަނީ މިފަދަ ޖޫރިމަނާތައް މާފުކޮށްދީފައިކަން ފާހަގަކޮށްލެވެއެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގެ ފަހު ކަމަކަށް އޮތީ ރިޔާސަތުން ދަންނަވާލަން ބޭނުންވާ ވާހަކަތައް ދެންނެވުމެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި