މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން، 2026 ޖެނުއަރީ 13 ވަނަ ދުވަހު "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އިފްތިތާހުކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓެކްނޮލޮޖީގެ މާހިރުންނާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުންނާއި، އަލަށް އުފެދޭ ވިޔަފާރިތަކާއި (ސްޓާޓް-އަޕްސް)، ވިޔަފާރިވެރިން އަދި މީޑިއާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި، 2026 ފެބްރުއަރީ 16 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އާ ގުޅޭގޮތުން އިންޑިއާގެ ތަސައްވުރާއި އިސްކަންދޭ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލިއެވެ. މީގެ ތެރޭގައި ޒިންމާދާރު، އެންމެން ބައިވެރިވާ، އަދި އަހްލާގީ މިންގަނޑުތަކަށް ފެތޭ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީ ކުރުމަށް ބާރުއަޅާފައިވެއެވެ.

އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޑރ. މުހައްމަދު ކިނާނަތެވެ.

ރާއްޖޭގެ ބައިވެރިވުމާއި އޭއައިގެ ކުރިމަގު މިނިސްޓަރު ކިނާނަތު ދެއްކެވި ވާހަކަފުޅުގައި، އޭއައި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ވާކިން ގްރޫޕް ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ހަރަކާތްތެރިކަމާއެކު ބައިވެރިވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެންމެން ބައިވެރިވާ، އީޖާދީ އޭއައި ނިޒާމެއް ބިނާކުރުމުގައި ސަރަޙައްދީ އެއްބާރުލުމުގެ މުހިންމުކަން އެ ބައްދަލުވުންތަކުން ހާމަވެގެންދާކަމަށް ވިދާޅުވެ، އޭއައިގެ މަސައްކަތްތަކުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން، އޭއައި ރެޑިނަސް އެސެސްމަންޓް މެތޮޑޮލޮޖީ (AI RAM) އާއި ނޭޝަނަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޜަން - މޯލްޑިވްސް 2.0 ހިމެނޭހެން، އޭއައިގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ކުރިމަގުގެ ރޭވުންތައް މިނިސްޓަރު ހިއްސާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި، ގަވާނަންސާއި ސިއްހީ ދާއިރާ އާއި ތައުލީމާއި މޫސުމީ ބަދަލުތަކަށާއި އަދި މާލީ ދާއިރާ ފަދަ މުހިންމު ދާއިރާތަކަށް އޭއައިގެ ސަބަބުން އަތުވެދާނެ ބޮޑެތި ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އަދި ކުރިމަގުގެ އޭއައި ނިޒާމުތައް ބައްޓަންކުރުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، އިންސާނިއްޔަތަށް އިސްކަންދޭ އީޖާދުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ސަމިޓާ ގުޅޭ ތަފްސީލީ މަޢުލޫމާތު ދިނުމުގެ އިތުރުން، ޔޫޕީއައި ރޫޕޭ އަދި އެހެނިހެން ފިންޓެކް ޕްލެޓްފޯމްތަކުގައި ގުޅިގެން މަސައްކަތްކުރުން ފަދަ އަމަލީ ކަންކަމާއެކު، ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ އަދި ކުރިއަރަމުންދާ ގުޅުން ފާހަގަކުރިއެވެ.

ރަސްމިއްޔާތަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމާއި މަޝްވަރާތަކުގެ ސަބަބުން، އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026 ގައި ބައިވެރިވުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ބޮޑު ޝައުޤުވެރިކަމެއް އުފެދިގެންދިޔައެވެ.