ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކުތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ގއ. އަތޮޅުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބޭންކު އެކައުންޓުތަކުގައި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ އެ އޮޕަރޭޝަނުގައި ޖުމްލަ 10 ތަނެއް ބަލާ ފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ މަހުގެ މާޗު މަހުއެވެ.
އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން މިރޭ ނެރުނު ބަޔާނުގައިވެއެވެ.
"އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވެއެވެ. އެ ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ 300 މިލިއަން ރުފިޔާގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ހުރި އަހުމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 މިލިއަން ރުފިޔާ ދައުރު ކޮށްފައިވެއެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 ރުފިޔާއެވެ.
އަހްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 މިލިއަން ރުފިޔާ ދައުރު ކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 ރުފިޔާއެވެ.
އަދި، ޝައްފާހް ލަތީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 މިލިއަން ދައުރު ކޮށްފައިވާއިރު އެ މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 ރުފިޔާއެވެ.
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވެއެވެ.
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި
ގއ. އަތޮޅު ޑުރަގް ނެޓްވޯކް: 300 މިލިއަން ރުފިޔާ ދައުރު ކޮށްފައިވޭ
އިންތިހާބާ ގުޅުވާ ރިޝްވަތުގެ އަމަލު ހިންގާނަމަ ރިޕޯޓުކުރަން އެދިއްޖެ
އަންހެން ވޮލީ ޓީމުގެ ކޯޗަށް ޖިންސީ ގޯނާގެ ތުހުމަތު
ކައުންސިލްތަކާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ ކުށްވެރިކޮށްފި