މާލޭގެ ބޮޑުތަކުރުފާނު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ، އޮޑިދޯނި ފަހަރުތަކަށް ހުޅުމާލޭން މުދާ އެރުވޭނެ ގޮތް ހަދައި ދިނުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަބްދުއްގަފޫރު މޫސާ އެދިވަޑައިގެންފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަމުން ގަފޫރު ވިދާޅުވީ ރަމަޟާން މަސް ކައިރިވެފައި ވަނިކޮށް ނޯތުހާބަރުގައި މަރާމާތުގެ މަސައްކަތެއް ސަރުކާރުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އޮޑިދޯނި ފަހަރުތަކަށް މުދާ އެރުވުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.
ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން އެ މަސައްކަތް ކުރިޔަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ބުނި ނަމަވެސް ތިން ފިޔަވަހި އެއްފަހަރާ ކުރިޔަށް ގެންދާ ކަމަށް ގަފޫރު ވިދާޅުވިއެވެ. ގަފޫރު ވިދާޅުވީ މިވަގުތު މަސައްކަތް އޮތީ ހުއްޓާލާފައި ކަމަށެވެ.
"އެހެންކަމުން ނޯތު ހާބަރުގެ ބޭނުންކުރެވޭ މިންވަރުގެ 30 ޕަސެންޓު ބޭނުމެއް ނުކުރެވޭ،" ގަފޫރު ވިދާޅުވިއެވެ.
އެ ސަރަހައްދުގެ ބަދަލުގައި ސަރުކާރުން ދޯނިތައް އެޅުމަށް ދައްކާފައި ވަނީ ރަސްމީ ފާލަން ކައިރި ކަމަށާއި އެތަނުގައި ބޭއްވެނީ ހަތްވަރަކަށް ދޯނި ކަމަށް ގަފޫރު ވިދާޅުވިއެވެ. އޮޑިދޯނި ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ރޯދަމަސް އައުމުގެ ދޮޅުމަސް ކުރިން ރަށްރަށަށް މުދާތައް ގެންދަން ޖެހޭކަން ފާހަގަކުރައްވަނުން ގަފޫރު ވަނީ ހުޅުމާލޭން ނަމަވެސް އޮޑިދޯނި ފަހަރުތަކަށް މުދާ އެރުވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ