ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު އެގޮތަށް ވިދާޅުވެފައި ވަނީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެއް ކަމަށް އެޕާޓީން ބުންޏެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ހާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި އެމްޑީޕީން ބުންޏެވެ.

"ދެހާސް އަށާރަ ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖުލީހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށައެޅުނެވެ. އެމްޑީޕީ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖްލިސް އިން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔައެވެ. ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފައެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްގީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބީތީ ކަމަށް އެޕާޓީން ބުނެއެވެ. އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށް، 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީ ޕްލޭން ތަންފީޒުކޮށް، ހިންގުން ކަމަށާއި އެ ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ތަރައްގީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދު ކަނޑާލާފައިވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

"މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށްފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ ދާދިމިދާކަށް ދުވަހު ވަނީ އަޅާފައެވެ. އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުމެވެ. އަދި އެބަސްފުޅު އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ގާނޫނާ ގަވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެހުރެ ރާވާ ރޭވުމެއް ދަށުން ހިނގާ ކަމެއް ކަމަށް މި ޕާޓީއިން ގަބޫލުކުރުމަވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ގާނޫނުން ކައުންސިލްތަކަށް ވަނީ ފަހި ކޮށްދީފައިވާ ކަމަށާއި ގާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

އަދި ރައްޔިތުން އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށް އެޕާޓީން ގޮވާލިއެވެ.