ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާބިލުކަން އިތުރުކުރުމާއި ތަމްރީނު ދިނުމުގެ އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން، "އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން" (އައިޓެކް) ދުވަސް ފާހަގަކޮށްފިއެވެ.
ހުޅުމާލޭގެ ވޯޓާސްއެޖްގައި ބޭއްވި އެ ހަފުލާގައި، އައިޓެކްގެ ފައިދާ ލިބިފައިވާ ފަރާތްތަކާއި، ސިވިލް އަދި ޑިފެންސް ދާއިރާގެ އައިޓެކް ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، ސަރުކާރުގެ އިސްވެރިން ހިމެނޭހެން 100 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވިއެވެ.
އެ ހަފުލާގެ ޝަރަފުވެރި މެހެމާނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އިންޑިއާ-ރާއްޖެ ދެމެދު އޮންނަ ގުޅުމުގައި އައިޓެކްގެ މުހިންމުކަން ފާހަގަކުރައްވަމުން، ގިނަ އަދަދެއްގެ ދިވެހިންގެ ހުނަރު ތަރައްގީ ކުރުމަށާއި މައުލޫމާތު ބަދަލުކުރުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަކީ، އެކި ދާއިރާތަކުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މިސްޓަރ ޖީ. ބާލަސުބްރަމާނިއަން ވިދާޅުވީ، ރާއްޖެއަކީ އައިޓެކް ޕްރޮގްރާމްގެ މުހިންމު ބައިވެރިއެއް ކަމަށާއި، ކޮންމެ އަހަރަކު އެތައް ސަތޭކަ ދިވެހިންނެއް އައިޓެކް ކޯސްތަކުގައި ބައިވެރިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި 1000 އަށްވުރެ ގިނަ ދިވެހިން މި ޕްރޮގްރާމްގެ ފައިދާ ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ހަފުލާގައި އައިޓެކްގެ ކުރީގެ ދަރިވަރުން ވަނީ އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ. ފުލުހުންގެ ދާއިރާއިން ފެށިގެން އެކައުންޓިންގ އަދި ދެމެހެއްޓެނިވި ތަރައްގީ ފަދަ އެކި ދާއިރާތަކުން ލިބުނު ތަމްރީނުތަކުގެ ސަބަބުން، އެމީހުންގެ ވަޒީފާގެ ކުރިއެރުމަށާއި ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ފައިދާތަކެއް ކޮށްފައިވާކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ. އަދި އިންޑިއާގައި ހޭދަކުރި ދުވަސްތަކަކީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ދުވަސްތަކެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރިއެވެ.
އިންޑިއާ ހައި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެކި އެއްބަސްވުންތަކުގެ ދަށުން 1220 ސިވިލް ސާވަންޓުންނާއި، 250 އެލް.ޖީ.އޭ އޮފިޝަލުންނާއި، 350 ކަސްޓަމްސް އޮފިސަރުން އަދި 270 އެއްހާ ޝަރުއީ ދާއިރާގެ އޮފިސަރުން ވަނީ އިންޑިއާގައި ތަމްރީނު ފުރިހަމަކޮށްފައެވެ. "1965 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސްކޮލަރޝިޕްތަކުގެ އެހީގައި ގާބިލުކަން އިތުރުކުރުމާއި ހުނަރު ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަނީ ވަރުގަދަވެފައި،" ހައި ކޮމިޝަނުން ބުނެފައިވެއެވެ.
އައިޓެކް އަކީ 1964 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ހިންގަމުން އަންނަ ގާބިލުކަން އިތުރުކުރުމުގެ އެންމެ އިސް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ 160 އަށްވުރެ ގިނަ ގައުމަކަށް އިންޑިއާއިން އަންނަނީ ފަންނީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭ ކަމެއް މިތާ އިނދެގެން ނުކުރާނަން"
ދިވެހި ދެ އުމްރާވެރިޔަކު ނިޔާވެއްޖެ
ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު މާލޭން ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން އައިޓެކް ދުވަސް ފާހަގަކޮށްފި
ބޭރުގެ ބަޔަކަށް ވިޔަފާރި ބަނދަރު ދޭން އުޅޭ ވާހަކަ ޒަމީރު ދޮގުކޮށްފި