ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އިދިކޮޅު އެމްޑީޕީން ދެކޮޅު ކަމަށާއި އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ޣަފޫރު މިހެން ވިދާޅުވީ ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޣަފޫރު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހާ އެކު، ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ އެމްޑީޕީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންނަށް އެކަމާ މެދު ވިސްނާލުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އަވަސް އަރުވާލައިގެން ސަރުކާރުން އެކަން ކުރަން އުޅެނީ ހީލަތްތެރި ރޭވުމަކުން ކަމަށެވެ.
މި އިސްލާހާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ މިއީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖެ ހުދުމުހުތާރު ވެރިކަމަކަށް ގެންދިއުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"ހުދުމުހުތާރު ވެރިން އިންތިހާބު ބާއްވަން ބިރުގަންނާނެ،" ޣަފޫރު ވިދާޅުވިއެވެ. އޭނާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި މިއީ ރިޔާސީ ދައުރު 10 އަހަރަށް ދަންމާލުމަށް ކުރާ މަސައްކަތެކެވެ.
ސަރުކާރުގެ ހަރަދުތަކަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ ހަރަދު ކުޑަކުރާ ކަމަށް ބުނެ ފެނަކަ ފަދަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދަމުންދާ ކަމަށެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު އެމެރިކާ ފަދަ ބޮޑެތި ގައުމުތަކާ އެއްވަރުވެފައިވާ ކަމަށާއި، ދައުލަތުގެ ޕޭރޯލް 18 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ތަރައްގީގެ އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށާއި، ދައުލަތުގެ ބަޖެޓުން ފައިސާ ބަހައިގެންނާއި ވަޒީފާގެ ނުފޫޒު ފޯރުވައިގެން އިންތިހާބުތައް ކާމިޔާބު ކުރަން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. ދައުލަތުގެ ފައިސާއިން ވައްކަން ކުރުން ހުއްޓުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ