ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަން ކަމަށް ހުރަސްއަޅައި، ޒާތީ މިނިވަންކަން ހަނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެމްޑީޕީގެ އަންހެނުންގެ ރޫހުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް އެ އުސޫލުތަކުގެ ސަބަބުން ހުރަސްއެޅޭ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަކީ އެފަދަ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، ފެންނަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓާ ކުރުމަށް މަސައްކަތްކުރާ މަންޒަރު ކަމަށް އެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނި ގޮތުގައި މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާން ޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި، ނެރެދޭ ނަތީޖާ އާއި އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށެވެ.
"އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރެވޭނެ މިންގަނޑުތަކެއް ނޫން،" ކަމަށާއި މިއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތު ކުރުމެއް ކަމަށް އެ ޕާޓީން ސިފަކުރެއެވެ.
މީގެ އިތުރުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މިފަދަ އުސޫލެއް ނުހިންގައި، ހަމައެކަނި ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް މި އުސޫލު ތަންފީޒުކުރުމަކީ މިއީ އަހްލާގާ ގުޅޭ ކަމެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން ހާމަވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި އަހްލާގު ނެގެހެއްޓުމުގެ ޒިންމާ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅުވުމަކީ އަންހެނުންނަށް ކުރެވޭ އިހާނެތިކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.
މިފަދަ ސިޔާސަތުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަ ތަނަކަށް ބަދަލުވެ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމުގެ ބިރު އޮތްކަން ފާހަގަކޮށް، މި އުސޫލުތައް އުވައިލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވައިލާފައެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އެ ޕާޓީން ވަނީ ހަނދާންކޮށްދީފައެވެ.
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހިޔާނާތުގެ އިތުރު ދެ ދައުވާއެއް ބައްސާމަށް ސާބިތުވެއްޖެ
ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ޖަލްސާއެއް މާދަމާ
ހުއްދަ ނުނަގާ ސަފާރީއެއްގައި ބަނގުރާ ބޭނުންކުރި ބަޔަކު ހައްޔަރަށް
ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިންގެ ހަބަކަށް ހަދަންޖެހޭ