ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުވަތަ ރިފަރެންޑަމެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތައް އަމާޒުވެފައިވަނީ އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުންނެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ރިޔާސީ އިންތިހާބާއި މަޖުލިސް އިންތިހާބު އެއްކޮށްލައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ރިފަރެންޑަމެއް ކައުންސިލް އިންތިޚާބާއި އެކު ބާއްވަން ސަރުކާރުން ސިއްރިޔާތުގަ ވަނީ ނިންމާފައި،" ކަމަށެވެ.
އަދި ސަރުކާރުގެ މަގްސަދަކީ އިންތިހާބުގެ ނުފޫޒު ބޭނުންކޮށްގެން އޮޅުވާލުންތަކެއްގެ ތެރެއިން މިކަން ކާމިޔާބު ކުރުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި މައްސަލައިގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މައުރޫފް ވިދާޅުވީ އިންތިހާބުތައް އެއްކޮށްލައި ރިޔާސީ ދައުރު ދަންމާލުމަށް ހީލަތްތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަކީ ވޯޓު ގަނެ، ދޮގު ވައުދާއި ވަޒީފާ ބަހައިގެން އޮޅުވާލަން މަސައްކަތް ކުރާނެ އިންތިހާބެއް ކަމަށް ސިފަކުރައްވައި، ރައްޔިތުން އެކަމަށް ސަމާލުވުމަށް އޭނާ ގޮވާލެއްވިއެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ސަރުކާރުން ގަސްދުކުރަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ދެކޭގޮތް ބެލުމަށެވެ. މިއީ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަން އުޅޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދެކެނީ މިއީ ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހަށެވެ. މި އިންތިހާބާ ދިމާކޮށް ސިޔާސީ މަސްރަހު މިހާރު ވަނީ ހޫނުވާން ފަށާފައެވެ.
އިންތިހާބާ ގުޅުވާ ރިޝްވަތުގެ އަމަލު ހިންގާނަމަ ރިޕޯޓުކުރަން އެދިއްޖެ
އަންހެން ވޮލީ ޓީމުގެ ކޯޗަށް ޖިންސީ ގޯނާގެ ތުހުމަތު
ކައުންސިލްތަކާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ ކުށްވެރިކޮށްފި
ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީން ބަލަން ފަށައިފި
ޑުރަގު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި