އެމްޑީޕީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި 4،000 ފްލެޓުތަކަށް މި ސަރުކާރުން ނަގަން ފެށި ޑައުންޕޭމަންޓް ކުޑަ ކުރުމުގެ ބަދަލުގައި، އެއީ ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަންޖެހޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ޑައުންޕޭމަންޓް ކުޑަކުރަންވީކީ ނޫނޭ. ޑައުންޕޭމަންޓް ކަނޑާލަންވީއޭ. އޭގައި ނޯންނާނެ ޑައުންޕޭމަންޓް ދައްކާ ވާހަކައެއް. އޭގައި ނޯންނާނެ،" ހަރުގޭގައި ބޭއްވި ފޯރިގަދަ ކެމްޕެއިން ޖަލްސާގައި އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ދެ ކޮޓަރީގެ ފްލެޓްތަކަށް ދައްކަންޖެހޭ 15،000 ރުފިޔާގެ ޑައުންޕޭމަންޓް 6،000 ރުފިޔާއަށް ކުޑަކޮށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ދައްކަންޖެހޭ 25،000 ރުފިޔާގެ ޑައުންޕޭމަންޓް 8،500 ރުފިޔާއަށް ކުޑަކޮށްފައެވެ.

މޭޔަރު އާދަމް އާޒިމް، އެމްޑީޕީ ހަރުގޭގައި ބޭއްވި ޕްރައިމަރީ ކެމްޕެއިން ޖަލްސާގެ ތެރެއިން-- ފޮޓޯ/ އާޒިމް ކެމްޕެއިން ޓީމު

މީގެ އިތުރުން ފްލެޓުތަކުގެ ކުލި ކުޑަކުރަން ނުޖެހޭނެ ކަމަށާއި، ފްލެޓުތަކަށް ކުރިމަތިލިއިރު ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ފްލެޓުތައް ދޭންޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ހިޔާ ފްލެޓުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި 200،000 ރުފިޔާ، ރޯދަ މަސް އައުމުގެ ކުރިން ކޭޝްގެ ގޮތުގައި ދޭންޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ޢަޅުގަނޑު މި ގޮވާލަނީ ރޯދަ މަސް އަޢުމުގެ ކުރިން ކޭޝްގެ ގޮތުގައި 200،000 ރުފިޔާ ދޭންޖެހޭނީ. ހަމަ ދޭންޖެހޭނީ. އޮޅުވާލައިގެން ކަންތައް ކުރަންއުޅޭނެ ކަމެއް ނެތް،" އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތަކަށް ވެސް އަލިއަޅުވާލައްވައި އާޒިމްވިދާޅުވީ، ސިޓީ ކައުންސިލް އޮޑިޓް ނުކުރެވޭނެ ކަމަށް ބައެއް މީހުން ބުނި ނަމަވެސް، ފުރަތަމަ ރިޕޯޓާއި ދެވަނަ ރިޕޯޓް ނިންމާފައިވާނެ ކަމަށެވެ. އެ ރިޕޯޓްތައް ހުށަހަޅަންޖެހޭ ތަންތަނަށް ފޮނުވާފައިވާ ކަމަށާއި އެގޮތުން ފުލުހުންނަށާއި އޭސީސީ އަށާއި އޮޑިޓާ ޖެނަރަލްގެ އޮފީހަށް އެ ރިޕޯޓުތައް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސް މާރުކޭޓް މައްސަލައިގެ އޮޑިޓް ރިޕޯޓު ވެސް އޭސީސީ އަށާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ރައްޔިތުންގެ ފައިސާގައި ޖެހިގެން އެކަކަށް ވެސް ނުހުރެވޭނެ ކަމަށް އާޒިމް ތަކުރާރު ކުރެއްވިއެވެ. މައްސަލަތައް ތަހުގީގުކޮށް އަވަސް ކުރުމަށް މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު އާދަމް އާޒިމް، އެމްޑީޕީ ހަރުގޭގައި ބޭއްވި ޕްރައިމަރީ ކެމްޕެއިން ޖަލްސާގެ ތެރެއިން-- ފޮޓޯ/ އާޒިމް ކެމްޕެއިން ޓީމު

އާޒިމް ވަނީ އޭނާގެ ކެމްޕެއިން ކުރިއަށްގެންދަނީ އިހްލާސްތެރި މަސައްކަތުން ކަމަށާއި، ޕްރައިމަރީ ކާމިޔާބު ކުރާނީ މަހާއި ކައްޓާ ކައިގެން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމްޑީޕީގެ މެމްބަރުން ދެއްވި ލޯތްބާއި ގަދަރު ހިފަހައްޓަވައި ދެއްވާނެ ކަމަށާއި،

"ދުވަހަކު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް މި ރަންދީނދޫ ޕޯޑިއަމް ދޫކޮށްފަ ދާނެ ތަނެއް ނޯންނާނެ،" ކަމަށް ވިދާޅުވިއެވެ.