ޒަމާންތަކެއް ވަންދެން، ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލި މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ނުކުންނަވަން ނިންމަވައިފިއެވެ.

ކިރިޔާ 3،000 މެމްބަރުން ހަމަވާ ޕީއެންއެފުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ މާލެއަށް އެހީތެރިވުމަށް އޭނާ ހުރީ ބޭނުންވެފައި ކަމަށާއި ޔާމީންގެ ޕާޓީން އޭނާއަށް އެ ފުރުސަތު ދެއްވީތީ ޝުކުރުއަދާކުރާ ކަމަށެވެ.

ޕީއެންއެފްގެ ޓިކެޓުގައި ނުކުންނަން ނިންމެވި ސަބަބެއް ކަމަށް ޒަރިޔަންދު ވިދާޅުވީ އޭނާ ނޫން މީހަކަށް މާލެ ސިޓީ ކައުންސިލް "ރިސެޓް" ނުކުރެވޭނެ ކަމަށާއި އޭނާ ވާދަ ކުރުން މުހިއްމު ކަމަށް ޔާމީން ވިދާޅުވެފައިވާތީ ކަމަށެވެ.

ޒަރިޔަންދަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި އިސްރާބު ބޮޑުކޮށް، ނުއަގުގައި ހިންގި ޕްރޮޖެކްޓުތަކާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކެވި ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ ތާރީގައި ދައުލަތުން ހިންގި އެންމެ ބޮޑު ކޮަރަޕްޝަން ހިންގުމުގެ ތުހުމަތު އެޅިފައި ވަނީ ރައީސް ޔާމީންގެ އިސްތަށިފުޅުގައެވެ.

އެފަދަ ބޮޑު ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭ ބޭފުޅަކު ހިންގަވާ ޕާޓީއެއްގެ ޓިކެޓުގައި، ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރެއްވި ޒަރިޔަންދު މާލެ މޭޔަރުކަމަށް ނުކުންނަވާތީ، ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޒަރިޔަންދު ވިދާޅުވީ "މި ކެމްޕެއިނަކީ ވަކި މީހެއްގެ، ވަކި ފަރާތެއްގެ، ވަކި ސިޔާސީ ފިކުރެއްގެ ކަމެއް ނޫން،" ކަމަށެވެ.

"މި ކެމްޕެއިނަކީ މުޅި މާލެ ސަލާމަތް ކުރުމަށް، މުޅި މާލޭގެ އިދާރީ އިންތިޒާމް ތަރުތީބުގެ މަގަށް ގެންދިއުމަށް މާލޭގެ ކޮންމެ އަވަށަކާއި ކޮންމެ ގޭބީސީއަކާއި ކޮންމެ އާއިލާއަކާއި މާލޭގައި އުޅޭ ކޮންމެ ރައްޔިތެއްގެ ކަމެއް،"

ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކަށް ފެނުނު ޒަރިޔަންދު މިދިޔަ އަހަރު ވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ގޮނޑިއަށް ނުކުންނަވާފައެވެ. ނަމަވެސް އިންތިހާބުގައި އޭނާއަށް ލިބިވަޑައިގެންނެވި 179 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ހަތް ޕަސެންޓެވެ.