ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ ގަލޮޅު ސިޓީ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މާލެއަކީ އަމާން، ހިތްފަސޭހަ، ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅާލައި، ހިތްހެޔޮ، އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއްގެ ގޮތުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގަލޮޅު ސިޓީ ޕާކަކީ ގަލޮޅުގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށް މުހިންމު ތަނެއް ކަމަށެވެ.

ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު ކަމަށް ވެސް މޭޔަރު ޢާޒިމް ވަނީ ހާމަކުރައްވާފައެވެ.

މިގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު މި ޕާކް ތަރައްޤީ ކުރުމުގެ ސަބަބުން، އެއީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފެތޭނެ ތަނެއްކަން ކަށަވަރުވާނެ ކަމަށް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.

މި ޕާކުގައި މިހާރު ކުރަމުން އަންނަނީ ކުލަލުމުގެ މަސައްކަތާއި ވޯކްވޭތަކުގައި އީ.ޕީ.ޑީ.އެމް ފްލޯރިންގ އެޅުމުގެ މަސައްކަތެވެ.

މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތުރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ތަރައްޤީ ކުރެވިފައިވާނެއެވެ.

މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ވަނީ ތަރައްޤީކުރެވިފައެވެ.