ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންނަށް ހާއްސަ ގޮނޑިތައް ކަނޑައަޅާފައި ވަނީ ސިއްރުން ވެރިކަން ކުރާ ޕީއެންސީން ބޭނުންވި ގޮތަަށް ކަމަަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ހާއްސަ ގޮނޑިތައް ކަނޑައަޅާފައި ވަނީ ޕީއެންސީން ބޭނުންވި ގޮތަށް ކަމަށާއި އެކަން މުރާޖާ ކުރަން ޖެހޭ ކަމަށް ކައުންސިލް އިންތިހާބުގައި މާފަންނު މެދު ދާއިރާ އަށް ވާދަކުރާ ހުސައިން ލަމްއާން ވިދާޅުވި ހަބަރު "ހަތާވީސް" އިން ރިޕޯޓު ކުރުމުން އެ ހަބަރު ރީޕޯސްޓު ކުރައްވާ ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތައް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައި އޮތް އުސޫލު އެނގޭ އެއްވެސް އެހެން ފަރާތެއް ނެތް ކަމަށެވެ.

"އެކަމަކީ، އެތެރެ އެތެރެއިން ސިއްރުސިއްރުން ޕީއެންސީ ބޭނުންވާ ގޮތަށް އީސީ އިން ކޮށްފައި އޮތް ކަމެއް. މީގެ ކުރިން އަންހެން ކެޑިޑޭޓުންނަށް އެކަނި ވާދަކުރެވޭ ގޮނޑިތައް ކަނޑައަޅާފައިވަނީ ގުރުއަތުން،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާގެ ޕޯސްޓުގައި މިފަހަރު ރައީސް މުއިއްޒު ބޭނުންވާ ގޮތަށް އީސީގެ ރައީސް ޒާހިދު އެ އޮތީ އެކަން ހަމަޖައްސާދީފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ އިތުބާރު ހޯދުމަށް ލިބުނު ފުރުސަތު އަނެއްކާވެސް އެ ނަގާލެވެނީ ޒާހިދު ކަހަލަ ބޭބޭފުޅުން ރައީޒް މުއިއްޒު ރުއްސުމަށް މަސައްކަތް ފެއްޓެވުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ޕޯސްޓުގައި ކުރިއަށް އޮތް އިންތިހާބުތަކުގައި އީސީން ރައީސް މުއިޒު ބޭނުންވާ ނަތީޖާ ނެރުމަށް ގަދައަޅާ މަސައްކަތްކުރާނެކަން މިހާރު ކަށަވަރު ކަމަށް ވެސް ވިދާޅުވިއެވެ.