އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް މާލެ ސިޓީ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ކުރާނެ ގޮނޑިތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުގައި، ވެރިކަން ކުރާ ޕީއެންސީގެ ނުފޫޒު ހިނގާފައިވާ ކަމަށް، މާލެ ސިޓީ މާފަންނު މެދު ދާއިރާއަށް ވާދަކުރައްވަން ނިންމެވި އެމްޑީޕީ ކެންޑިޑޭޓް ހުސައިން ލަމްއާން ވިދާޅުވެއްޖެއެވެ.
އޭނާ ވަނީ މި ނިންމުން އަލުން މުރާޖާކޮށް، ހާމަކަންބޮޑު ގޮތަކަށް ގޮނޑިތައް ކަނޑައެޅުމަށް އީސީއަށް ގޮވާލައްވާފައެވެ.
ލަމްއާން މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް މާފަންނު މެދު ދާއިރާއަކީ އާންމު ގޮނޑިއެއް ކަމަށް ދެކި ކެމްޕެއިން ކުރައްވަމުން ގެންދެވުމަށް ފަހު، އެ ދާއިރާއަކީ އަންހެނުންނަށް ޚާއްސަ ގޮނޑިއެއް ކަމަށް އީސީން ނިންމުމާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ. އޭނާގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ހިމެނޭ އިންތިޚާބެކެވެ.
އީސީން ހޯމަ ދުވަހު އާންމުކުރި ސިޓީ ކައުންސިލްތަކުގައި އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ރިޕޯޓަށް އިޝާރާތް ކުރައްވައި ލަމްއާން ވިދާޅުވީ، މާލެ ސިޓީ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ 18 ކައުންސިލަރުންގެ ތެރެއިން ހަ އަންހެން ކައުންސިލަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިގޮތުން ކަނޑައެޅުނު ހަ ދާއިރާގެ ތެރެއިން އެއް ދާއިރާއަކީ، ޕީއެންސީގެ މެންބަރުން އޭނާ ދިމާލަށް ބުނެފައިވާ ގޮތަށް، "އިއްތިފާގަކުން" އަންހެން ގޮނޑިއެއް ކަމަށެވެ.
ލަމްއާން ތުހުމަތު ކުރެއްވި ގޮތުގައި، އީސީން އެކަންކޮށްފައި ވަނީ ސިޓީތަކުގައި އަންހެން މެންބަރުންނަށް ޚާއްސަކުރާ ގޮނޑިތައް ކަނޑައެޅުމުގައި އުޞޫލު ބަޔާންކޮށްފައިވާ ގޮތަކަށް ނޫނެވެ. ނަމަވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި، އެ އުސޫލުގައި ދެފުށްފެންނަ ޑިމޮކްރެޓިކް ހަމައެއްގެ ތެރެއިން ގޮނޑި ކަނޑައަޅާނެ ގޮތުގެ އެއްވެސް ވާހަކައެއް ނެތެވެ. ލަމްއާން ގަބޫލުކުރައްވާ ގޮތުގައި، މިކަން ހިނގައިދިޔައީ ޕީއެންސީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކުން ކަންކުރަންވީ ގޮތް ނިންމާ އެންގި ގޮތަށް، އީސީން އެކަން ތަންފީޒުކުރުމުގެ ސަބަބުންނެވެ.
މިކަމާ ގުޅިގެން ލަމްއާން އެދުނީ މި ނިންމުން މުރާޖާކޮށް، ސިޔާސީ ޕާޓީތަކާއި އިންތިޚާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުގެ ކުރިމަތީގައި، ހާމަކަންބޮޑު ގޮތެއްގައި، އަންހެން މެންބަރުން ކަނޑައަޅާނެ ދާއިރާތައް ކަނޑައެޅުމަށެވެ. "އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަމުގައި ގަބޫލުކުރެވޭގޮތަށް އިންތިޚާބުގެ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމަކީ، އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެކެވެ،" ލަމްއާންގެ ބަޔާނުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ