ސަރުކާރުން ހިތުހުރިހާ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށާއި، މިހާރުން މިހާރަށް އެމްޑީޕީގެ ހަރަކާތްތައް ބޮޑުކޮށް ފައްޓަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މުސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހިންގުމާ ހަވާލުވުމަށްފަހު، ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ގަފޫރު ވަނީ ސަރުކާރުގެ ބިރުދެއްކުމުގެ އަމަލުތަކަށް ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށް ޕާޓީގެ މެމްބަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ގަފޫރު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތިބީ ވަކި ލީޑަރެއްގެ ފަހަތުގައި ނޫން ކަމަށާއި، އެ ބޭފުޅުން ތިއްބެވީ އެމްޑީޕީގެ ފަހަތުގައި ކަމަށެވެ. އަދި ޕާޓީއަށް ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ ބިރުދެއްކުމުގެ އަމަލުތަކާ ގުޅޭގޮތުން ގަފޫރު ވިދާޅުވީ، ވަޒީފާއިން ކަނޑާލާނެ ކަމަށް ނުވަތަ އެހެން ކަމެއް ކުރާނެ ކަމަށް ބުނެ ބިރުދެއްކި ނަމަވެސް، އެކަންކަން ކުރެވޭނެ ފުރުސަތު ނޯންނާނެ ކަމަށެވެ. "ބުނާނެ ވަޒީފާއިން ކަނޑާލާނަމޭ، އެވަނި ކަމެއް މިވެނި ކަމެއް ކުރާނަމޭ. ނުކުރެވޭނެ. އެކަން ކުރާނަމޭ ބުނީމަ އަޅުގަނޑުމެން ފަހަތަށް ޖެހިފިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބެއް ނެތް. އެއީ ބިރުދެއްކުމުގެ އަމަލުތަކެއް އެ ހިންގަނީ،" ގަފޫރު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގައި ސަރުކާރަށް ކުޑަ ވަގުތުކޮޅެއް ދިނީ ރައްޔިތުންނަށް ރަނގަޅު ކަންތައްތަކެއް ކޮށްދޭތޯ ބެލުމަށެވެ. ނަމަވެސް މިހާރު ފެންނަނީ ކަންކަން ގޯހުން ނުބަޔަށް ދާ މަންޒަރު ކަމަށާއި، ސަރުކާރުން ކަންކަން ބަދަލުކޮށް، ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ. "އެ ފުރުސަތު ދޭކަށް ނޫން އަޅުގަނޑުމެން މިތިބީ ކީ،" ގަފޫރު ވިދާޅުވިއެވެ. އެކަންކަން ހުއްޓުވުމަށް ޕާޓީގެ ހަރަކާތްތައް ބޮޑުކޮށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ ހާލަތަށް އަލިއަޅުވާލައްވަމުން ގަފޫރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ރައްޔިތެއްގެ އާމްދަނީއެއް، ފުދުންތެރިކަމެއް އިތުރުވި އެކަކުވެސް ނުފެންނަ ކަމަށެވެ. "އިހްތިސާދު އޮތީ ނަލަކޮށް، ފަހިކޮށް. އެހެންނަމެސް ސަރުކާރުން އަޅަމުން ގެންދާ ނުކަސިޔާރު އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މިހުރިހާ ދުއްތުރާލެއް ޖެހެމުން މިދަނީ،" އޭނާ ވިދާޅުވިއެވެ. އެކަންކަމާ ހިޔާލުފާޅުކޮށް، އެކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ގަފޫރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ގުޅިގެން ޕާޓީގެ މެމްބަރުންނަށް އިލްތިމާސް ކުރައްވަމުން ގަފޫރު ވިދާޅުވީ، ޕްރައިމަރީގައި ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެ، ރަނގަޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް ނުކުތުމަށް ގޮންޖެހުންތައް ހުރިކަން އެނގޭ ކަމަށް ވިދާޅުވެ، "ވަރަށް ބައިވަރު ބިރުދެއްކުންތައް އެބަހުރި. އެއިން ވާނެ، އެއް ކަމެއް ވެސް ނޭޯންނާނެ،" ކަމަށް ވިދާޅުވެ، ބިރުދެއްކުންތަކަށް ފަރުވާލެއް ނުދިނުމަށް ގަފޫރު ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމުން، އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ގަފޫރާ ހަވާލު ކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. އެ މަޖިލީހުގެ ރޭގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވި 65 މެމްބަރުންގެ ވޯޓުން ޣަފޫރާ ވަނީ މަސްއޫލިއްޔަތު ހަވާލުކޮށްފައެވެ.