ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޖުޑީޝަރީ އޮންނާނީ ހަގީގީ މާނާގައި މިނިވަން ކޮށްފައި ކަމަށާއި ޖުޑީޝަރީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާ ވާހަކަ ބުނާނެ އެއްވެސް ފަނޑިޔާރަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރުމަށް ރައީސް މުއިއްޒު ކުރިޔަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ވަނީ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި އެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނު ވެސް އަދި ސަރުކާރުގެ ތެރެއިން އެހެން އެއްވެސް ފަރާތަކުން ޖުޑީޝަރީ އަށް ނުފޫޒު ނުފޯރުވާކަން ޔަގީންކޮށް ދެއްވައިފައެވެ. އެ ވާހަކަ އެހެން ވިދާޅުވުމުން އެމަނިކުފާނު ހައްދަވަނީ އިތުރުފުޅެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާނެ ކަމަށާއި އެހެންނަމަވެސް ހަގީގަތަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ބޭފުޅުން ވިދާޅުވެފާނެ ތިއީ ދޮގެކޭ. ހަމަ ހަގީގަތުގައި ވެސް ބައެއް ބޭބޭފުޅުން ކޯޓަށް ގެންދަން އިއުލާން ކޮށްފައި ނޫނީ ކޯޓަށް ގެންދަން ޗިޓު ފޮނުވިކަން އަޅުގަނޑަށް ފެންނަނީ ނޫހުން. އަޅުގަނޑަކީ ސިޔާސީ ގޮތުން މީހުންނަށް ފިޔަވަޅު އަޅާނެ މީހެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ސިޔާސީ މީހަކަށް ވެގެން މީހަކަށް ފިޔަވަޅު އެޅުމާއި ފުލުހަށް ގެންދިއުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިޔާސީ ގޮތުން މީހަކަށް އެޅި އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަންގައިގެން އެއްވެސް ކޯޓަކުން އެއްވެސް ކަމެއް ކޮށްފައި ނުހުންނާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ކޯޓުތައް މިނިވަން ކުރަން މި މަސައްކަތް ކޮށްދެނީ. ކޯޓުތައް ހަގީގީ މާނާގައި މިނިވަންކޮށް ހިންގުމަށް ހުރިހާ ކަމެއް ކޮށްދެމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
އެކަމުގެ ނަތީޖާ މިއަދު ފެންނަން ފަށާފައިވާ ކަމަށާއި އެގޮތުން ޑުރަގުގެ ބޮޑެތި މައްސަލަތަކުގައި ބިރުން ފިޔަވަޅު ނާޅާ ނުވަތަ ހުކުމް ނުކޮށް ތިބޭ ތިބުން ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޯޓުތައް އެގޮތަށް މަސައްކަތް ކުރަމުން ގެންދަނީ މިނިވަންކަން އޮތުމުން ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން