ހުޅުމާލެ ފޭސް އެކެއްގެ ގެސްޓު ހައުސެއްގެ ތެރޭގައި މިދިޔަ ހަފްތާގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ހަށިގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ނަގައިފިއެވެ.

އެ މީހާ މަރުވެފައި އޮތް ކަމުގެ ރިލޯޓު ފުލުހުންނަށް ލިބުނީ މިދިޔަ މަހުގެ 30ވަނަ ދުވަހުގެ 12:57 ހާއިރުއެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެމީހާ ރާއްޖެ އައިސްފައި ވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހު ކަމަށެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާ ކަމަށާއި އަދި މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، އެ ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް ފާހަގަކުރެވިފައި ވާތީ، އެކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިމަހުގެ ދެވަނަ ދުވަހުގެ ރޭ މަރުވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައި ނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމެވެ،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ މައުލޫމާތު ހާމަކޮށްފައި ނުވަނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި އެ މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، އެ މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި އެކަމާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިއުމާއެކު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.