ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދެމުން އަންނަ އިނާޔްތަކުގެ ބައެއް އުނި ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ. މިދިޔަ މަހުގެ 27ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ.
ހުށަހެޅުނު އިސްލާހުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބަދަލަކީ، ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާ ނަމަ، އެ މުއްދަތުގައި ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތައް ނުލިބޭނެ ގޮތަށް ހަމަޖެއްސުމެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނާ ގޮތުން، ކުރީގެ ރައީސުންނަށް މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ހަރަދުތަކަށް ކޮންމެ މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ހަމަޖައްސައިދޭން ޖެހެއެވެ. ނަމަވެސް، ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ މި މާއްދާ އުވާލުމަށެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރާ ހުރިހާ ހަރަދެއް ހުއްޓުވޭނެއެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުގައި، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، އެ ބޭފުޅަކަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބޭފުޅާ ރާއްޖެ ވަޑައިގެންފި ނަމަ، ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެއެވެ.
ކުރިން މި ގާނޫނުގައި ކުރީގެ ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ އެއްވެސް ވާހަކައެއް ނުހިމެނެއެވެ. ނަމަވެސް، މި ފަހަރު ހުށަހެޅުނު އިސްލާހުގައި ވަނީ ކުރީގެ ނައިބު ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު 25،000 ރުފިޔާ ދިނުމަށް ބަޔާންކޮށްފައެވެ. މީގެ އިތުރުން، އެ ބޭފުޅުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އިސްލާހުގައި ހިމަނާފައިވެއެވެ.
ކުރީގެ ނައިބު ރައީސުންނަށް ވެސް، ކުރީގެ ރައީސުންނެކޭ އެއްފަދައިން، ރިޔާސީ އިތުރު ދައުރެއް ފުރިހަމަ ކުރައްވާ ނަމަ ނުވަތަ ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ، އެ މުއްދަތަށް ގާނޫނުގައި ބުނާ އިނާޔަތްތައް މެދުކެނޑޭނެ ގޮތަށް އިސްލާހު ވަނީ ބައްޓަންކޮށްފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 ރުފިޔާ ދައުލަތުން ދޭން ޖެހެއެވެ. އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް ނަމަ، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000 ރުފިޔާ ދައުލަތުން ދޭން ޖެހެއެވެ. މީގެ އިތުރުން، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނުގެ ހުރިހާ ހަރަދެއް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބުނެއެވެ.
ކައުންސިލްތަކުގެ ބައި އިލެކްޝަން ދެން އޮންނާނީ އަހަރަކު ދެފަހަރު
އަތޮޅު ކައުންސިލުތައް އުވާލާ ކައުންސިލަރުންގެ އަދަދު މަދުކޮށްފި
ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި
"ސިލޯނާއެކު ދިވެހީން" ޓެލެތޯނުން 11 މިލިއަން ރުފިޔާ ލިބިއްޖެ
ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ބައެއް ކަނޑާލަން ފާސްކޮށްފި
"ސިލޯނާއެކު ދިވެހިން" ފަންޑަށް އެސްޓީއޯއިން 250،000 ރުފިޔާ