އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުން ނިންމާލައިފިއެވެ.
ވަގުތީ ގޮތުން އެމްޑީޕީ ހިންގުމަށް ޖުމްލަ ހަތަރު ނަމެއް ގައުމީ މަޖިލީހަށް ހުށަހެޅިއެވެ. އެއީ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ވަހީދާއި ހަނިމާދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)ގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް (އައްޑޫ އަސްލަމް) އަދި އެމްޑީޕީގެ ޖަލްސާތައް އާއްމުކޮށް ހުށަހަޅާ އަންވަރެވެ.
ކުރީގެ މެންބަރު ވައްޑެގެ ނަން ހުށަހެޅީ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ރާއީއެވެ. ރާއީގެ ހުށަހެޅުމަށް ތާއީދު ކުރީ ވިލިނގިލީ ދާއިރާގެ މެންބަރު ހުސައިން ހަސަނެވެ. ގަޕޯގެ ނަން ހުށަހެޅީ ކުރީ މަޖިލިސް މެންބަރު އިލްހާމް އަހުމަދެވެ. ތާއީދު ކުރެއްވީ ދިއްގަރު ދާއިރާގެ ރައީސް އިހުސާނެވެ.
އައްޑޫ އަސްލަމްގެ ނަން ހުށަހެޅީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ތާއީދު ކުރީ ތުޅާދޫ ދާއިރާގެ ރައީސް ސިރާޖެވެ. އަންވަރުގެ ނަން ހުށަހެޅީ އިބްރާހީމް އަބްދުالله (ގައްބަރޭ) އެވެ. އޭނާގެ ހުށަހެޅުމަކަށް ތާއީދެއް ނުލިބެއެވެ.
ޗެއާޕާސަންގެ ނާއިބުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބްރޭ)ގެ ނަން ވެސް ހުށަހެޅިއެވެ. އިބްރޭގެ ނަން ހުށަހެޅީ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)އެވެ.
ޖުމްލަ 96 މެންބަރުން ތިބި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަން ހޮވުމަށް ނެގި ވޯޓުގައި ވައްޑެއަށް 47 މެންބަރުން ވޯޓު ދިނެވެ. ގައުމީ މަޖިލިސް ބައްދަލުވުން ހޫނުވީ އެހިސާބުންނެވެ. ބައެއް މެންބަރުން ވަނީ ވޯޓު ގުނީ ރަނގަޅަށް ނޫން ކަމަށެވެ.
ރިޔާސަތުން އެހެން ނަންތަކަށް ވޯޓަށް އަހަން މަސައްކަތް ކުރިއެވެ. އެކަމަކު ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައްދަލުވުން ދޫކޮށް ދާން ފެށިއެވެ. އެހެންކަމުން ޖަލްސާގެ ނިޒާމު ގެއްލުނު ކަމަށް ބެލުމަށްފަހު ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުން ނިންމާލިއެވެ.
މިއީ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު: އާޒިމް
އަލީ އާޒިމް ބަލި ގަބޫލުކުރައްވާ އާދަމް އާޒިމަށް މަރުހަބާ ކިޔައިފި
އެމްޕީއެލް އިން މުދާ ހުސްކުރާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށްފި
ކޯރަމް ހަމަނުވެ، މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި