ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ، އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ފާހަގަކުރެވިފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރި ވަނީ ދެގޮތަކަށް ކަމަށެވެ.
އެއީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން 2024 އޮގަސްޓް 22 ގައި ފާސްކޮށް، 2024 ސެޕްޓެންބަރު 3ގައި ގެޒެޓުގައި ޝާއިއުކުރެވުނު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، މިދިޔަ އޮކްޓޫބަރު 8ގައި އާންމުކޮށް އިޢުލާންކޮށްފައި ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓުކުރުމަށްޓަކައި ތިން ގޮތެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
އެއީ ބިދޭސީންނަށް ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު، މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ރިޕޯޓުކުރުމެވެ.
ނުވަތަ މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ރިޕޯޓުކުރުމެވެ. އަދި މީގެ އިތުރުން އިމިގްރޭޝަން ވޮޗް (https://imuga.immigration.gov.mv/report-offence) މެދުވެރިކޮށް ރިޕޯޓު ކުރުމެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެގޮތަށް ލިބޭ މައުލޫމާތްތަކުގެ މައްޗަށް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އިކޮނޮމިކް މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެ ކަމަށެވެ.
މައުލޫމާތު ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ގެސްޓުހައުސްގައި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުން 818 ގްރާމުގެ ޑުރަގް
ޕެޑުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭ: ރޮޒައިނާ
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި: ރައީސް
ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4ގައި
ޑުރަގުގެ ބޮޑުންނަށް މިނިސްޓަރު އިހުސާންގެ އިންޒާރެއް!