މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހިމަނައިގެން، ރައީސް އޮފީހަށް އިއްޔެ ވަނީ ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މާލެއާއި ރަށްރަށުގައި ހުންނަ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށްފައިވާ މި ޕެޓިޝަނުގައި އެދިފައިވަނީ މުސާރައާ ގުޅޭ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވުމުގެ އާންމު އުސޫލު އޮތް ގޮތުން، ލީގަލް އޮފިސަރުންގެ ޒިންމާތައް ގިނަ ނަމަވެސް، އެ ޒިންމާތަކާ ނުބައްދަލު މިންވަރަކަށް މުސާރަ ކަނޑައަޅާފައި އޮތުމެވެ. ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ އާންމު ޕޭ ފްރޭމްވޯކްގެ ލީގަލް މެނޭޖަރުގެ އޮނިގަނޑުގައި ހިމެނޭ ގިނަ މަގާމުތަކުގެ އަސާސީ ޒިންމާތަކަކީ، ކޯޓުގެ ލީގަލް އޮފިސަރުން މިހާރު ވެސް އަދާކުރަމުންދާ ޒިންމާތަކެކެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މަގާމުގެ ޒިންމާތަކުގެ ތެރޭގައި އެކި ފަންނުތަކުގެ ޖޮބް މެޓްރިކްސްތަކާ ގުޅޭ ޒިންމާތައް ހިމެނޭ ހާލަތުގައި، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ބުރަދަން ކަނޑައެޅުމަށް ފަހު، އެ މުވައްޒަފެއްގެ އެންމެ ގިނަ ނުވަތަ މުހިންމު ޒިންމާ އަދާކުރާ ފަންނެއްގެ ޖޮބް މެޓްރިކްސްއަކަށް ހިޖުރަކުރުމުގެ އިޚްތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ.
ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި، ލީގަލް އޮފިސަރުން މިހާރު އަދާކުރާ ޒިންމާތަކަކީ ލީގަލް މެނޭޖަރުންގެ މެޓްރިކްސްގައި ހިމެނޭ މަގާމުތަކުގެ ޒިންމާތައް ކަމަށްވާއިރު، އެ އޮނިގަނޑުގެ މަގާމަކަށް ލީގަލް އޮފިސަރުން ބަދަލުކޮށް، މެޕް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.
އަދި މި ހައްލު ނުދެވޭނަމަ، މިހާރު ވެސް ޖުޑީޝަރީގެ ޖޮބް މެޓްރިކްސްގައި ހިމެނޭ ސީނިއާ ކޯޓް ލީގަލް އޮފިސަރުގެ ރޭންކަށް ހުރިހާ ލީގަލް އޮފިސަރުން ހިޖުރަކޮށްދިނުމަށް ޑީޖޭއޭއަށް ހަގީގަތުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ޕެޓިޝަނުގައި ފާހަގަކުރެވިފައިވެއެވެ.
އާ ޕޭ ފްރޭމްވޯކަށް ބަދަލުވުމުގެ ސަބަބުން ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި މުވައްޒަފުންނަށް ކުރިން ލިބެމުން އައި ސްޓެޕް އެލަވަންސް ގެއްލިގެން ދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އެ އެލަވަންސަކީ، ހިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަކި މާކްސްތަކެއް ހޯދައިގެން، އެ މުވައްޒަފުންގެ ރަނގަޅު މަސައްކަތުގެ އަގެއްގެ ގޮތުގައި އަސާސީ މުސާރައިގައި ހިމެނިގެން ލިބެމުން އައި އިނާޔަތެކެވެ.
މި ބަދަލާއެކު، އަލަށް ވަންނަ މުވައްޒަފާއި، ދިގު މުއްދަތުގެ ހިދުމަތްކުރި މުވައްޒަފަކީ އެއް ހަމައެއްގެ ބައެއްގެ ގޮތުގައި މުސާރަ ކަނޑައެޅިގެން ދިއުމަކީ، ދިގު މުއްދަތުގެ ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ހިތްހަމަނުޖެހުމެއް ކަމަށް ވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން، މި ހަފްތާގައި ކޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކަޅު ހެދުމުގައި އޮފީހަށް ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ.
މުސާރައާ ގުޅިގެން ޖުޑިޝަރީ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި
އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންނަން ނިންމައިފި
އަންނަ އަހަރުގެ ބަޖެޓުން ވެސް ސަރުކާރުގެ އަމާޒެއް ނެތް: ޝަމްހީދު
ބޮޑު އޮޕަރޭޝަނުން 29 ކިލޯގެ ޑުރަގު އަތުލައިގަތް
ޝިމަން އާއި މަހްޒޫމަށް ދައުވާނުކުރަން ނިންމައިފި
އާއިލީ އަރާރުމޭ، ކިޔާތީ ނަޝީދާއި އިބޫގެ މާޒީގެ ވާހަކަތެއް