ދެ ޤައުމުގެ ގުޅުން ރަނގަޅުވަމުންދާ ކަމަށް ފެންނާތީ، އިންޑިއާއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.
އިންޑިގޯގެ ފްލައިޓް 6އީ 1703، ކޮލްކަތާއިން ފުރައިގެން ދެކުނު ޗައިނާގެ ސިޓީއެއް ކަމަށްވާ ގުއަންޒޫއަށް ހޯމަ ދުވަހު ޖައްސާފައިވާއިރު، އެ ފްލައިޓްގައި ގާތްގަނޑަކަށް 180 ފަސިންޖަރުން ތިއްބެވެ. މި ދެ ޤައުމާ ދެމެދު ދަތުރުތައް ފުރަތަމަ ހުއްޓާލާފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައެވެ.
އަދި ހިމާލަޔާގެ ބޯޑަރު ސަރަހައްދެއްގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމަކަށް ފަހު ގުޅުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ދަތުރުތައް އަލުން ފަށާފައެއް ނުވެއެވެ.
ނަމަވެސް މި ދެ ޤައުމުން ދަނީ ގުޅުން ހަމައަކަށް އަޅުވަމުންނެވެ. އަދި މިދިޔަ އަހަރު ބޯޑަރު ބެލެހެއްޓުމާ ގުޅޭގޮތުން މުހިންމު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. މި މަހުގެ ކުރީކޮޅު މިކަން އިއުލާނުކުރަމުން އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ސީދާ ދަތުރުތައް އަލުން ފެށުމަކީ "މީސްމީހުންނާ ދެމެދު ގުޅުން ބަދަހިކުރުމަށް ފަސޭހަވެގެންދާނެ" ކަމެއް ކަމަށާއި، އަދި "ދެ ޤައުމުގެ ދެމެދުގައި ހިނގާ ބަދަލުތައް މަޑުމަޑުން އާދައިގެ ހާލަތަކަށް ގެނައުމަށް" އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
މިއީ މި ދެ އަވަށްޓެރި ޤައުމުގެ ގުޅުން މަޑުމަޑުން އާދައިގެ ހާލަތަކަށް ގެނައުމުގެ ގޮތުން ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން އެއް ކަމެކެވެ. އޮގަސްޓު މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާއަށް ޒިޔާރަތްކުރައްވައި، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓްގެ ތެރެއިން ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވާފައެވެ.
އެ މަހުގެ ކުރީކޮޅު ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ ވަނީ އިންޑިއާއަށް ޒިޔާރަތްކުރައްވައި، ދިއްލީގެ އޮފިޝަލުންނާ އެކު "ހަމަނުޖެހުންތައް މަޑުކުރުމާއި، ބޯޑަރު ކަނޑައެޅުމާއި، ބޯޑަރާ ގުޅޭ ކަންކަމާ" ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޖުލައި މަހު އިންޑިއާއިން ވަނީ ޗައިނާގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ވެސް އަލުން ފަށާފައެވެ.
ރެފަރެންޑަމްގައި ކުރާ ސުވާލު ސައްހައެއް ނޫން: ސުއޫދު
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ އަބްދުލްމުއިއްޒު ހަސަން ނިޔާވެއްޖެ
ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެނަމަ ގެއްލުންވާނެ
އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
ހުޅުމާލޭގައި ހުރި އާޒިމްގެ ކެމްޕެއިން ޕޯސްޓަރުތައް ނައްޓާލައިފި
ޒިކުރާ މިސްކިތުގެ ބިންގާ އަޅައިފި، ރޯދައަށްފަހު މަސައްކަތް ފަށާނެ