އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވެސް ސަރުކާރުގެ މިސްރާބެއް އަމާޒެއް ނެތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރި ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ މިއަދު ބަޖެޓުން ކުރާ ހަރަދަކީ ސިއްރިއްޔާތަކަށް ވެގެން ހިނގައްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ބަޖެޓުން ރައްޔިތުންނަށް ފައިދާއެއް ނުވާއިރު ގައުމުގެ ދަރަނި ދަނީ އިތުރުވަމުން ކަމަށެވެ.

"ތަރައްގީ އަށް ކަނޑައެޅި ހަތް ބިލިއަން ރުފިޔާ ބަޖެޓު ބޭރުން ހަރަދުކޮށް ނިންމައިފި، މި ފައިސާ އިން ހަތިޔާރާ ސޮފްޓްވެއާ އާއި އަދި އެހެނިހެން އާ ކުންފުނިތައް ހަދައިގެން ހަރަދުކޮށް ނިންމައިފި،" ޝަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުން އެނގެގިގެން ދަނީ ރައްޔިތުންގެ ޒަރޫރޫ ކަންކަމަށް ފައިސާ ހަރަދު ކުރުމަށްވުރެ އަމިއްލަ މަސްލަހަތަށް އިސްކަން ދޭކަން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރަށް މުހިއްމު ވަނީ ފެނާއި ނަރުދަމާ އަށްވުރެ ބަރު ހަތިޔާރު ގަތުމަށް ކަމަށެވެ.

"ތަރައްގީ އަށް ހުރަސް އަޅަނީ ދަރަންޏެއް ނޫން. 112 ބިލިއަން ރުފިޔާ ހޭދަކުރި، މީގެތެރެއިން ދަރަނި ދައްކަން ހަރަދުކުރީ 7.2 ބިލިއަން ރުފިޔާ،" ޝަމްހީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ސަރުކާރުން މަޖިލީހަށް ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބަޖެޓު ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓު ފާސް ކުރުމާއި ދެކޮޅަށް 12 މެންބަރުން ވޯޓު ދިނެވެ.

މިއީ މިއަހަރު ފާސްކޮށްފައިވާ ބަޖެޓަށްވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފިނޭންސުން ބުނީ މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ކަމަށާއި އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، 40.4 ބިލިޔަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަމުން މިދިޔަ މަހުގެ 30ވަނަ ދުވަހު ވިދާޅުވިއެވެ.

އަންނަ އަހަރުގައި ބަޖެޓުގައި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ބޮޑު އަދަދެއް ވަނީ ހިމަނާފައެވެ. ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.