އެމްޑީޕީގެ ތެރޭގައި އުފެދިގެން އުޅެނީ "އާއިލީ އަރާރުން" ކަމަށް ބުނެ، ވާހަކަ ދައްކަމުން ގެންދާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު އެކަމަށް ރައްދު ދެއްވައިފިއެވެ.

ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް "އާއިލީ އަރާރުން" ކިއުމަކީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

"އަދި މިކަހަލަ ހަނިވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުޅާދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއްވެސްމެއެވެ،" ފަޒްނާ ލިޔުއްވާފައިވެއެވެ.

ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު (ފަޒޫ) ފޭސްބުކްގައި ލިޔުންވި ޕޯސްޓް

ފަޒްނާ ވަނީ މި ދެބޭފުޅުންގެ ގާތް ގުޅުމުގެ މާޒީއަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މަދަރުސީ ދައުރުން ފެށިގެން އެ ދެބޭފުޅުންނަކީ ވެސް އެއްކަހަލަ ޝަޢުގުވެރިކަން ހުރި އެކުވެރިންތަކެއްގެ ތެރޭގައި ހިމެނުނު ދެބޭފުޅުން ކަމަށް ފާހަގަކުރެއްވިއެވެ. އެކުގައި ކުރެއްވި ކަންކަމުގެ ތެރޭގައި ފޮތް ވިދާޅުވުމުގެ އާދަ އާއި ޝައުގުވެރިކަން ދެބޭފުޅުން ހުންނެވިކަން ފާހަގަ ކުރައްވާފައިވެއެވެ. ދިވެހިރާއްޖެ އާއި ދުނިޔޭގެ ތާރީޚީ، ސިޔާސީ، އިގްތިސާދީ ކަންކަމާ ގުޅޭ އެކިއެކި ފޮތްތަކާއި ލިއުންތައް ކިޔުއްވުމަކީ ދެބޭފުޅުންގެ އެއް ޝައުގުވެރިކަމެވެ. މީގެ އިތުރުން ނޫސްވެރިކަމާއި ލިޔުންތެރިކަމަކީ ވެސް ދެބޭފުޅުންގެ ޝައުގުވެރި ކަމެއް ކަމަށާއި، ކުޅިވަރު ކުޅުމާއި، މިޔުޒިކު އަޑުއެހުން، ރާޒުވާ ކުޅުން އަދި ކަޅުސައި ބުއިމަކީ ވެސް އެކުގައި ކުރެއްވި ކަންކަން ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ގިނަ ޝައުގުވެރި ކަންތައްތަކެއް ހުރި ނަމަވެސް ދެބޭފުޅުންގެ މިޒާޖު ތަފާތު ކަމަށެވެ.

ނަމަވެސް ސިޔާސީ ކަންކަން ހިމެނޭ ގޮތަށް ކޮންމެ ކަމެއްގައި ވެސް އެއްބަސްވެވޭ ކަންކަމާއި، ދެބަސްވުމަށް އެއްބަސްވެގެން ދެބޭފުޅުން އެކުގައި ކާމިޔާބު ކުރެއްވި ކަންކަން މަދެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އަރައިނުގަނެވިގެން މިއުޅެނީ ދެބޭފުޅުން އެއްގޮޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ކަމަށް ފަޒްނާ ވިދާޅުވިއެވެ. މިއީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށާއި، ތާރީޚް ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލީޑަރުން މަސައްކަތް ކުރަންވާނީ ލީޑާޝިޕްގެ ތަރަހައިގެ ތެރޭގައި ކަމަށް ފަޒްނާ ވިދާޅުވިއެވެ.

"އޭނަ ބުނި މީނަ ބުނި އޭނަ އެހެން ހެދީމަ މިހެންވި،" ކިޔާ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމަކީ ހަރުދަނާ ލީޑަރުންގެ ސިފައެއް ނޫން ކަމަށް ފަޒްނާ ލިޔުއްވާފައިވެއެވެ.

ފަޒްނާ އެހެން ވިދާޅުވެފައި މި ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ބޭއްވި ގައުމީ މަޖިލީހުގައި ދެއްކި ވާހަކަތަކަށް އިޝާރާތްކޮށެވެ. ނިމިދިޔަ ވެރިކަމުގައި ނަޝީދާއި އިބޫގެ ދެމެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން، ކަން ހިނގާދިޔަ ގޮތާއި އޭނާއަށް ފެނިވަޑައިގެން އަމަލު ކުރެއްވި ގޮތުގެ ވާހަކަ ފައްޔާޒު ވަނީ އެ ރޭ ގައުމީ މަޖިލީހަށް ހިއްސާ ކުރައްވާފައެވެ.

އެންމެ މުހިންމީ ކަންކަން ހައްލުކުރުމުގެ ރޫހެއްގައި އިށީނދެ، ޕާޓީގެ ލީޑަރުންނާއި ލީޑަޝިޕްގައި ހުރި އުނިސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހާ އެ ކަންކަން ހައްލުކުރުން ކަމަށް ފަޒްނާ އިތުރަށް ވިދާޅުވިއެވެ.