ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވަނީ އަމިއްލަ މަސްލަހަތު އެއްވެސް ގޮތަކަށް އިސްކުރާކަށް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ މެންބަރުން އިންތިހާބު ކުރަނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ނިސްބަތްވާ މެންބަރުން ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން 18ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދިނީ އޭރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކަމަށާއި 19ވަނަ މަޖިލިސްގެ މެޖޯރިޓީ ދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމަށާއި އަދި މިހާރު ހިނގާ 20ވަނަ މަޖިލިސްގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކަމަށް ފަލާހް ވިދާޅުވިއެވެ.

"ހަގީގަތަކީ އަޅުގަނޑުމެން މިތަނަށް [މަޖިލީހަށް] އަންނަނީ އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އޭގެތެރޭގައި އެއްވެސް އިސްކުރަން ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެންގެ އެއްވެސް އިއްޒަތްތެރިި މެންބަރުންގެ ވިސްނުން ހުރީ ވެސް އެގޮތަކަށް ނޫން. ވަރަށް އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ކޮންމެ އިއްޒަތްތެރި މެންބަރަކުވެސް އެބަ ރައްޔިތުންގެ ހިދުމަތުގައި އެ ހައްގުގައި ވަރަށް ގިނަ މަސައްކަތް ކުރައްވާ،" ފަލާހް ވިދާޅުވިއެވެ.

މަޖިލިސް ތަޅުމުގެ ތެރޭގައި ކުރާ މަސައްކަތަށްވުރެ ހަގުނަ މަސައްކަތް މަޖިލިސް ތަޅުމުން ބޭރުގައި ކުރަން ހުންނަ ކަމަށް ފަލާހް ވިދާޅުވިއެވެ.

"މިއީ ހަމަ މަންމައަކު ދަރިޔަކު ވިހާއިރުގަ. އެ މަންމައަކަށް އެ އަޅާ ވޭން އެހެން މީހަކަށް. އެކަން ނުވާ މީހަކަށް ނުކުރާ މީހަކަށް ނުވަތަ. އެ އިހުސާސް ނުކުރާ މީހަކަށް ނޭނގޭ ފަދައިން ހަމަ ވާވަރު ކަމެއް ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމަކީ،" ފަލާހް ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ގާނޫނުއަސާސީ އަށް ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ އެމީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން ނަގާ އާއްމު ވޯޓެއްގައި އެމީހަކު ނުވަތަ އެ މެންބަރަކު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

އެފަދަ މެންބަރަކު މެންބަރުކަމުން ވަކި ކުރުމާއި ދެކޮޅަށް އެ މެންބަރަކު އިންތިހާބު ކުރި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ މެންބަރަކު މަޖިލީހުގައި ތަމްސީލުކުރާނީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ހައިސިއްޔަތު ކަމަށް ޝުޖާއު ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.