ސަރުކާރުން ހިންގަމުންދާ ސިޔާސަތުތަކުގެ ނަތީޖާގެ ގޮތުން ރާއްޖޭގެ ޒުވާނުން މިހާރު ގޭންގުތަކުގައި ބައިވެރިއެއް ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ގޭންގެއްގެ ގޮތުގައި ކަނޑައަޅައި، ކޯޓަށް ހުށަހަޅާނެ ފަރާތްތަކެއް މިވަގުތު ނެތް ކަމަށެވެ.
ގޭންގުތަކާއި ހަރުކަށިކަމާއެކު ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ގޮތަށް އެކުލަވާލާފައިވާ ގޭންގް ކުށްތަކާބެހޭ އާ ގާނޫނަށް އަމަލުކުރަން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ފަށާފައެވެ. ނަމަވެސް، އެ ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. ގާނޫނު ބުނާ ގޮތުން، ވަކި ބަޔަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ހޯމް މިނިސްޓަރަށް ކޯޓަށް ދެވޭނެއެވެ.
ރައީސް ވިދާޅުވީ، އާ ގާނޫނުގެ ދަށުން މިހާތަނަށް ކިތަށް ގޭންގް ކަނޑައެޅިއްޖެތޯ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސުވާލުކުރެއްވުމުން، އެއްވެސް ގޭންގެއް ޝަރުތު ހަމަނުވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގޭންގް ކުށްތައް ކަމަށް ބެލެވޭ ކުށްތައް ހިންގާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވާތީ، ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނުފެނިގެން އުޅޭކަމުގެ މައުލޫމާތު ހޯމް މިނިސްޓްރީން އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ.
"ހޯމް މިިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ ނެތޭ. ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީން ދެންނެވިއޭ ތީގައި ނެތޭ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގާނޫނުތަކުގައި ބޮޑެތި އަދަބުތައް ހިމަނަނީ އަދަބު ދިނުމުގެ ބަދަލުގައި ޒުވާނުން ކުށުން ދުރުކުރުމުގެ މަގްސަދުގައި ކަމަށެވެ. އެ ގާނޫނުގެ ނަތީޖާ ވެސް މިހާރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާރު ގޭންގްތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައި މިހާރު އެ ބޭފުޅުން، އެ ކުދިން ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި،" ރައީސް ވިދާޅުވި އެވެ.
މުޖުތަމައުގައި ގޭންގުތަކުން ކުށްކުރާ މަންޒަރު ފެނުމަށް ބޭނުން ނުވާ ކަމަށާއި، މިހާރުވެސް ގޭންގެއް އުޅޭކަމަށްވާނަމަ، ހޯމް މިނިސްޓްރީ މެދުވެރިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، ކޯޓަށް ހުށަހަޅައިގެން އެއީ ގޭންގެއް ކަމަށް ކަނޑައަޅައި، ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ނެތް: ރައީސް
މާލޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ
ފްލެޓާއި ގޯއްޗަށް ކުރިމަތިލުން ޖެނުއަރީ މަހު 4ގައި ހުޅުވާލަނީ
އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓް
ހިޔާ އަދި ވިނަރެސްއަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓު ކުޑަކުރަނީ
ފުވައްމުލަކު ފެނާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި