އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގޫގުލް އިން ރާއްޖޭގައި ގާއިމްކުރުމަށް ނިންމައިފިއެވެ. މިކަން ގޫގުލް އިން ކުރަން ނިންމާފައި ވަނީ ރާއްޖޭގައި މާލެ ސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީ ހިތަދޫގައެވެ.
ގޫގުލްގެ އެ ނިންމުމަށް މަރުހަބާ ކިޔުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ މަޝްރޫއު ފެށުމަށް އެ ކުންފުނިނން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނާއި ގޫގުލްގެ އިސްވެރިންނާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.
މި ތާރީހީ މަޝްރޫއު އަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއި އީޖާދީ ދާއިރާގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރަށް ވަރުގަދަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ސިފަކޮށްފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި، އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރެވޭ އެ ވަސީލަތަކީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިގެންދާ ތަނެކެވެ. އަދި އެ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖެ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިދޭ އިތުބާރު ހުރި، ރައްކާތެރި މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ވެގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގާއިމުވެގެންދާ ރައްކާތެރި ކަނެކްޓިވިޓީ ކޮރިޑޯގެ މައި މަރުކަޒެއްގެ ގޮތުގައި ރާއްޖެ ބަދަލުވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މާލޭގެ އިތުރުން ކުޅުދުއްފުށީގައި މިހާރުވެސް ގާއިމުކުރެވިފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި، ހިތަދޫގައި ގާއިމުކުރެވޭ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ޕޮއިންޓާ އެކު، ރާއްޖޭގެ އިގްތިސޯދު ކުރިއެރުން އަވަސްވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ދައުރު ދިވެހިރާއްޖެއަށް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ގޫގުލްގެ އެ އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށެވެ. އަދި ކްލައުޑް ސާވިސަސް އާއި ފިންޓެކާއި ޑިޖިޓަލް ކޮންޓެންޓް އަދި ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް ތަރައްގީ ކުރުމަށް އޮތް ފުޅާ ދޮރު އެކަމުގެ ސަބަބުން ދައްކުވައިދޭ ކަމަށެވެ.
މިކަމުގައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިގެން ދާނެކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
ހުއްދަ ނުނަގާ ސަފާރީއެއްގައި ބަނގުރާ ބޭނުންކުރި ބަޔަކު ހައްޔަރަށް
ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިންގެ ހަބަކަށް ހަދަންޖެހޭ
މީޑިއާތަކަށް ފައިސާ ދިނުން މިވަގުތަށް ހުއްޓާލަންޖެހޭ: އެމްޖޭއޭ
ކޭޕާކް މައްސަލަ: މަންޑޭ 397 އަހަރަށް ޖަލަށް
އިންސާފުވެރި އިންތިހާބެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭ: މަޓޭ