އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މައްޗަށް ހިނގައްޖެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ.
މިގޮތުން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ޖުމްލަ 75،637 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި 71،600 ފަތުރުވެރިންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެންމެ މަދުވީ ޖުލައި މަހުގައެވެ. އެ މަހު އިންޑިއާއިން 9،136 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ 85،045 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދާއެކު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ މިހާރު އޮތީ ހަވަނައިގައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސްއިން ވަނީ "ފްރޮމް ތިރަންގާ ޓު ޓޯކޮއިސް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ވެސް ފަށާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، މި ކެމްޕޭނުގެ ދަށުން އިންފްލުއެންސާ ކޮލަބޮރޭޝަންތަކާއި، މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، ޚަބަރާއި އެހެނިހެން އެޑްވަޓޯރިއަލް ލިޔުންތައް އިންޑިއާގެ މަގުބޫލު ނޫސްތަކުގައި ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެއާލައިންތަކާއި މީޑިއާ ޕާޓްނަރުންނާއި، މި ދާއިރާގެ އެހެނިހެން ވިޔަފާރިތަކާއެކު ތިން ސިޓީއެއްގައި ރޯޑް ޝޯވްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ހާމަކުރިއެވެ.
ހުއްދަ ނުނަގާ ސަފާރީއެއްގައި ބަނގުރާ ބޭނުންކުރި ބަޔަކު ހައްޔަރަށް
ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިންގެ ހަބަކަށް ހަދަންޖެހޭ
މީޑިއާތަކަށް ފައިސާ ދިނުން މިވަގުތަށް ހުއްޓާލަންޖެހޭ: އެމްޖޭއޭ
ކޭޕާކް މައްސަލަ: މަންޑޭ 397 އަހަރަށް ޖަލަށް
އިންސާފުވެރި އިންތިހާބެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭ: މަޓޭ