ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމަށް މިއަދު ފެށިގެން ދެން ފުރުސަތެއް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިއަދު ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

އެކްސްގައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭނެ ކަމަށެވެ. އެ އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ފެށި މި އޮޕަރޭޝަން އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ.

އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށްގެންދަނީ 6 މަސް ދުވަހުން ފުލުހުން އެއްކުރި އިންޓަލެޖެންސް މައުލޫމާތަށް ބިނާކޮށް ކަމަށެވެ.

އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓާއި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިހުރި ފައިސާއާއި އެތެރެކޮށްފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން. މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްއޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ގާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން،" އިހުސާން ވިދާޅުވިއެވެ.

މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.