ވިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ތިން ވަނަ ފިޔަވަހީގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް)އަށް ސަރުކާރުން މިއަދު ބިން ދޫކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޖުމްލަ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތްކުރާނެއެވެ. އަދި ބާކީ 2،700 ހައުސިން ޔުނިޓް އިމާރާތްކުރާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ އާއި ތިން ވަނަ ފިޔަވަހީގައެވެ. މި ޔުނިޓްތައް އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއަށް ދޫކޮށްފައި ސަރުކާރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މި ޔުނިޓްތައް އަތްފޯރާ ފަށުގައި ދިނުމަށް ސަރުކާރުން ބޭންކަށް އެ ބިންތައް ދެނީ އަގަކާ ނުލާ ކަމަށެވެ. އެގޮތުން، ބިމުގެ އަގު ދައުލަތުން ހިފާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ތަންތަނަކީ އަތްފޯރާފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ ބޭންކަށް އިތުރު އަގަކާ ނުލައި. ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތްﷲގެ ވާގިފުޅާ އެކު، އެ ޔުނިޓްތަކުގެ އަގު މިހާރު މި ދޫކުރާ އަގާ އެއްވަރެއްގައި، ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެންދާނެ،" މުއްތަލިބު ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ޚާއްސަކޮށް އެމްއެމްއޭގެ ހުއްދައާއެކު ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ. މި ކުންފުނީގެ މައިގަނޑު މަޤްސަދަކީ ހައުސިން ޔުނިޓްތައް އެޅުމަށްފަހު، ލީސްޓު އޯން މޮޑަލްއަކަށް ކުއްޔަށް ދިނުން ކަމަށެވެ. އެ މޮޑަލްގެ ދަށުން، ވަކި މުއްދަތެއް ހަމަވުމުން، އެތަން މިލްކުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. މި މަޝްރޫޢުތައް ނިމުމުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.