އަލަށް ތަރައްގީކޮށް ރޭ ހުޅުވިގެންދިޔަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކުރިއެރުން ލިބިގެން ދާނީ ހަމައެކަނި އުމްރާނީ ތަރައްގީއަށް ނޫން ކަމަށާއި އެއީ ދެގައުމުގެ ގުޅުމަށްވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އެ އެއާޕޯޓު ހުޅުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ހާއްސަ މަންދޫބު، އެ ގައުމުގެ ސިވލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަފޫ ރާމް މޯހަން ނައިޑޫ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމް ގެ ދަށުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗަށް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.

ރޭ ހަނިމާދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓު ހުޅުވިގެންދިޔައިރު ރޭގެ ރަސްމިއްޔާތުގައި ނައިޑޫ ވާހަކަދެއްކެވިއެވެ.

ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާއިރު، އިންޑިއާއިން އޮތީ އިންވެސްޓް ކުރުމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިކުރުމަށް އަތުގުޅާލައިގެން ކުރިއަށްދާން ތައްޔާރަށް،" ނައިޑޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ އުއްމީދަކީ އެ ކަންކަން ފަހިކުރަން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދެ ގައުމުގެ ދެމެދު އިންވެސްޓްމެންޓު މުއާހަދާގެ މަސައްކަތް އަވަހަށް ނިމިގެން ދިއުން ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އޭ320 އަދި ބޮއިން 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއާޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްގީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއާބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2.7 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް މިއެއަރޕޯޓުގެ ވަނީ ތަރައްގީކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓަށް އުމްރާނީ އަދި އޮޕަރޭޝަނަލް ބޮޑެތި ބަދަލުތަކެއް ގެނެވި އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރެވިގެން ދާނެއެވެ. މި އަޕްގްރޭޑް ތަކުގެ ސަބަބުން އިންޓަނެޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައި.ސީ.އޭ.އޯ) ގެ މިންގަނޑުތަށް ދެމެހެއްޓި، ދިވެހިރާއްޖެއަށް އަންނާނެ ‘ޓްރެފިކް’ ދަތިކަމެއްނެތި ބަލައިގަނެވޭނެއެވެ.