ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ފައިސާ، ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ހަރަދުކުރުމަކީ ރައްޔިތުން ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކުރުން ކަމަށާއި، ސަރުކާރުގައި ފައިސާއެއް ނެތުމުން އެ ފައިސާ އަނބުރާ ބޭންކަށް ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ އިގްތިސާދީ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ބަރޯސާވުމެއް ނެތި ހިންގަމުންދާ ކުންފުނިތައް ސަރުކާރުން ހަލާކު ކުރަމުންދާ ކަމަށެވެ.

އަމްރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިއްސާވާ 38 ކުންފުނި ރާއްޖޭގައި ހިންގަމުންދާއިރު، އޭގެ ތެރެއިން ސަރުކާރަށް ބަރޯސާނުވެ ހިންގަމުންދަނީ އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެމްއޭސީއެލް އަދި ބީއެމްއެލް ކަމަށެވެ. އެ ކުންފުނިތަކަކީ ސަރުކާރުން ސަބްސިޑީ ނުދީ ހިންގަމުންދާ ކުންފުނިތަކަށް ވާއިރު، ސަރުކާރުގެ ޕްރޮޖެކްޓުތައް އެ ކުންފުނިތަކުގެ ފައިސާގައި ހަރަދުކުރަން ހަވާލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ރަސްމާލެ ހިއްކުމަށް އެމްއޭސީއެލް އާއި އެސްޓީއޯއިން ހަރަދުކުރަމުންދާ ކަމަށާއި، އަދި އެމްއޭސީއެލް މެދުވެރިކޮށް ސަރުކާރުން ޖިމްތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި، ފަހުން ފައިސާ ދޭނެ ކަމަށް ބުނެ، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބީއެމްއެލްގައި ހުރީ ސަރުކާރުގެ ފައިސާއެއް ނޫން. އެ ބޭންކުގައި ހުރީ އަޅުގަނޑުމެން މަސައްކަތްކޮށްގެން ލިބޭ ފައިސާ ރައްކާކޮށްފައި. އެއީ އަޅުގަނޑުމެންގެ ފައިސާ. އެ ފައިސާ ނަގާ ސަރުކާރުން އެ ބަހާލަނީ. އެ ނޭނގޭ ކޮން އިރަކުން ކަމެއް ސަރުކާރަށް އެ ފައިސާ ލިބޭނީ. އެއީ ސަރުކާރު އަތުގައި ފައިސާއެއް ނެތް،" އަމްރު ވިދާޅުވިއެވެ.

އަމްރު ވަނީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އާންމުދަނީއަށް ވުރެ ބޮޑަށް، އިންތިހާއަށް ހަރަދުކުރަން ބަޖެޓުކޮށްފައިވާ ކަމަށެވެ. ދަރަނި ނަގައިގެން ހަރަދު ކުރަން އުޅެނީ އަސްކަރީ ބަރުހަތިޔާރު ގަންނަން ކަމަށާއި ވޭތުވެދިޔަ ބަރުހަތިޔާރު ގަތުމަށް ކުރާ ހަރަދު 60 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސާފު ކުރަން ބޭނުން، މި އުޅެނީ ގައުމެއް ހިފަންތޯ؟ ނުވަތަ މި ގައުމަށް ބަޔަކު އަރާތީތޯ؟ އަޅުގަނޑުމެން އެބަޖެހޭ ސާފުކުރަން. އެއީ އަޅުގަނޑުމެން މި އުޅެނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތިގެން. އަޅުގަނޑުމެން މި އުޅެނީ ބޭސްކޮޅަކަށް ސަލާން ޖަހަން ޖެހިގެން. އަޅުގަނޑުމެން މި އުޅެނީ އަތުނުވާ ވަރަށް ޑޮލަރު މައްޗަށް އަރައިގެން. ތަކެތިގެ އަގު ބޮޑުވެގެން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވަނީ ބޭކާރު ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނަސޭހަތްތެރިވެފައެވެ. ރައީސަށް ކުރާ ހަރަދު 25 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި، ރައީސަށް ކުރާ ހަރަދާއި ބަރުހަތިޔާރާއި މިނިސްޓްރީތަކަށް ކުރާ ހަރަދާއި އެމްބަސީތަކަށް ކުރާ ހަރަދު ކުޑަކޮށްފިނަމަ، ތަކެތީގެ އަގު ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ފައިސާ ޗާޕުކުރުމުގެ ސަބަބުން އަންނަ އަހަރު ދައުލަތުގެ ބަޖެޓް އިންތިހާއަށް އުފުލިގެންދާނެ ކަމަށާއި، ޑޮލަރުގެ އަގު ވެސް އުފުލިގެންދާނެ ކަމަށް އަމްރު ވިދާޅުވިއެވެ. މިހާރު ހުށަހަޅާފައިވާ ބަޖެޓުގެ ސަބަބުން ރައްޔިތުން ނިކަމެތިވެ، ބިކަހާލުގައި ޖެހޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.