ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ދާއިރު، ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ދިވެހި ގައުމު ގުނާލެވޭނީ ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އަންނަ އަހަރަކީ، ދިވެހި ސިފައިންނަށް އިތުރު ކަންކަން ކުރުމަށް މަސައްކަތްކުރާނެ އަހަރަކަށް ވާނެ ކަމަށެވެ.
އެގޮތުން އެއާކޯއަށް މިލިޓަރީ މަތިންދާބޯޓުތައް ހޯދުމާއި، އެފަދަ ގިނަ ކަންކަން ކުރަން މިހާރުވަނީ ނިންމައި އެ މަސައްކަތްވެސް ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސައިބަރ ވޯރފެއަރ އަށް އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓޯޓަލް ޑިފެންސީ އީކޯ ސިސްޓަމެއް އެމްއެންޑީއެފްގައި ގާއިމްކުރެވޭ ދުވަހަކީ އެމަނިކުފާނު ދެކެން ބޭނުންވާ ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެމްއެންޑީއެފްއަކީ، ވަށައިޖެހިފައިވާ، ހުރިހާ ގޮތަކުންވެސް މި ޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ ހުރިހާ މާނައެއްގައިވެސް މި ގައުމު ހިމާޔަތްކޮށް، މި ގައުމު ދިފާޢުކުރުމަށްޖެހޭ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް މަސައްކަތްކުރެވޭނެ ވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ފޯސްއަކަށް ހެދުމަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެ ވަރުގަދަ ޢަޒުމުގައިކޮށް ކާމިޔާބުކުރާނެ ކަމެއް. އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ ދައުރު ފެށުނުއިރު، އެންމެ ފުރަތަމަ ރައްޔިތުންނާ މުހާތަބުކޮށް އެމަނިކުފާނު ދެއްކި ވާހަކައިގައި، ދިވެހި ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ފަލަ، ރަތް ރޮނގެއް މި ސަރުކާރުގެ ސިޔާސަތުގެ ގޮތުގައި ދަމާ، އެކަން ދަމަހައްޓާނެކަން ކަށަވަރު ކުރާނެކަން އިއުލާނު ކޮށްފައިވާނެ ކަމަށެވެ.
އެކަން ކުރުމުގައި، އެމްއެންޑީއެފްގެ ހުރިހާ ދާއިރާއަކުން، އޭރުގައި އޮތް ހާލަތު، އެތައް ގުނައަކުން އޮތީ ރަނގަޅުކުރަން ޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ޑުރަގާއެކު ނޭޕާލް އަންހެނަކާއި ދިވެހިން ތިން ފިރިހެނުން ހައްޔަރަށް
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް