މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަގަށް ގެންދިޔަ ދެ ކޮންޓެއިނަރު ސިނގަރޭޓު ވައްކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ އެކަން ފުލުހުންނަށް ހިއްސާ ކޮށްދިނުމަށް އެދިއްޖެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދާއިރު ފުލުހުން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަވި ނަމަވެސް ވަގަށް ގެންދިޔަ ސިނގަރޭޓުތައް އަދިވެސް ނުފެންނަކަން އެނގެއެވެ.
"މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުންގރ ބަޔާނުގައި އެ މައްސަލައާ ގުޅިގެން މިހައިތަނަށް ޖުމުލަ 9 މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރިޔަށް ގެންދާ ވާހަކަ ބުނެފައިވެއެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 01 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަކީ ހުސައިނަ ސާމިހު އާއި އަހްމަދު ޝަހީމް ނަމަކަށް ކިޔާ ދެ މީހުންނެވެ.
"މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނެއެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ ސިނގަރޭޓު ވައްކަމުގެ މައްސަލައިގައި މިހާތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން 05 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކުރެވިފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހު ކަމަށެވެ.
އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާ ކަމަށްވެސަ ފުލުހުން ބުނެއެވެ.
"އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައެވެ،" ފުލުހުން ބުނެއެވެ.
މި މައްސަލާގައި އެންމެ ފުރަތަމަ ހަތަރު މީހަކެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިންވެސް ހިމެނެއެވެ. އެއީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސް ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އެވެ.
ދެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހުޅުމާލެ ޕޯޓުގައި މަސައްކަތް ކުރަމުން އަންނަ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ. އަދި ކަސްޓަމްސްގައި ކުރިން އިސް މަގާމެއްގައި މަސައްކަތްކުރި މުއާޒު އަލީ ނަމަކަށް ކިޔާ މީހަކުވެސް ހައްޔަރުކުރިއެވެ.
އަދި އޭގެ ފަހުން ކ.ތުލުސްދޫ، ހަސަން އަބްދުއްރަޙްމާން، 52، ވެސް ހަމަ މި މައްސަލާގައި ހައްޔަރުކުރިއެވެ.
އިސްކުރަނީ ރަނގަޅު ކަންކަން ކުރަން: ރައީސް
ގެއެއްގެ ވައިގޮޅިއަކަށް ވެއްޓުނު ބިދޭސީ މީހަކު މަރުވެއްޖެ
ހުއްދަ ނެތި ސިނގަރޭޓު ވިއްކާނަމަ އެންގުމަށް އެދިއްޖެ
ރައީސް މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް
"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"
ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން