ދާދިފަހުން ސޯޝަލް މީޑިއާގައި ރާއްޖޭން ބޭރުގެ ފަރާތަކުން ކުރި ވީޑިއޯ ޕޯސްޓެކެވެ. ގާތްގަނޑަކަށް ހަތް މިނެޓުގެ އެ ވީޑިއޯ ހަތަރުލައްކައަށްވުރެ ގިނަ މީހުން އެކްސްގައި ބަލާފައިވެއެވެ. އެ ވީޑިއޯ ޕޯސްޓުގައި ދައްކުވައި ދެނީ މާލޭގެ މަގުތަކެވެ. އެ ޕޯސްޓުކުރި ފަރާތުން ބުނެފައި ވަނީ ތޮއްޖެހިފައިވާ މާލޭގެ ސާފުތާހިރު ވާހަކައެވެ. އެ ޕޯސްޓުގައި އަވަށްޓެރި އިންޑިއާގެ ވެރިރަށް ދިއްލީއާ މާލެ އަޅާ ކިޔާފައިވެއެވެ.

މިއަދު މާލޭން މި ފެންނަ ސާފުތާހިރުކަމަކީ އެތައް ބައެއްގެ ބުރަ މަސައްކަތެވެ. އެ މަސައްކަތް ގާނޫނީ ގޮތުން ހަވާލުކުރެވިފައި ވަނީ މާލޭ ސިޓީ ކައުންސިލަށެވެ. އެ މަސައްކަތުގެ ވާހަކަތައް "ހަތާވީސް" އަށް ހިއްސާ ކުރެއްވުމުގެ ކުރިން މާލޭގެ މިހާރުގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަން ކުރެއްވި ހުރިހާ ފަރާތްތަކަކަށް ވެސް ޝުކުރު އަދާ ކުރެއްވިއެވެ. އެއީ މިއަދު މި ފެންނަ މާލެ، މާލޭގެ ގޮތުގައި ބޭއްވުމަށް އެ ބޭފުޅުންގެ ވެސް ހިއްސާއެއް އޮތަތީއެވެ.

މާލޭގެ މޭޔަރުކަމަށް އާޒިމް ވަޑައިގެންނެވިތާ އަދި މާގިނަ އަހަރުތަކެއް ނުވެއެވެ. ގާތްގަނޑަކަށް ދެއަހަރު ވާން ކައިރިވަނީއެވެ. އެހެންނަމަވެސް އާޒިމް މޭޔަރުކަމަށް ވަޑައިގެންނެވިއިރު ވެސް މާލޭގެ މަގުތަކަކީ މާ ސާފުތާހިރު ތަނެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މާލޭގެ އެކިއެކި ކަންކަން މަތީގައި އެތައް ކުންޏެއް ޖަމާކޮށްފައި ހުރެއެވެ.

"ފުރަތަމަވެސް އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ މިކަން [ކަންކަން މަތީގައި ހުންނަ ކުނިތައް] ކޮންމެ ދުވަހަކުވެސް މިކަންކަން ތަކުރާރުވަމުން ދިޔަ. އެހެންވީމަ އަޅުގަނޑު ބެލީ އެކަން ހައްލު ކުރެވޭނެ ގޮތްތަކެއް ހެދޭތޯ،" އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގެނެސްފައިވާ ޕަމްޕު (ވ) ---

ސިޓީ ކައުންސިލުން މިކަން ހައްލު ކުރުމަށް މަސައްކަތް ފެށިއެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ކައުންސިލުން އެދުނީ މާލޭގެ މަގުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ފޮނުވައި ދިނުމަށެވެ. އަދި އެގޮތަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފެށިއެވެ. މިއާއެކު މަޑުމަޑުން މިކަން ހައްލުވާން ފެށިއެވެ.

"ކޮންމެ ކަމެއްވެސް ހައްލު ވާނީ އެކަމެއް އެ އޮންނަ ގޮތަކަށް ކޮށްގެން. އަދި ފަރުދީ ޒިންމާ އަދާކޮށްގެން. ސިޓީ ކައުންސިލުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ފަރުދީ ޒިންމާ އަދާ ނުކުރަންޏާ މިކަންކަމަކަށް ހައްލެއް ނާންނާނެ،" އާޒިމް ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ހައްލުވި ނަމަވެސް މޭޔަރު އާޒިމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިލިމާލޭގައި -- ފޮޓޯ/ ސިޓީ ކައުންސިލް

"ބައެއް ފަހަރު އެބަ ގުޅާ މާލޭގެ ގެއަކުން. ގުޅާލާފައި އެބަ ބުނޭ ތިމަންނަމެންގެ ގެ ހުންނަ ސަރަހައްދަކީ ފެންބޮޑުވާ ސަރަހައްދެކޭ. މި ސަރަހައްދުގެ ކާނުތައް ސާފު ކޮށްލަދޭށޭ. އެހެން ބުނީމާ ސިޓީ ކައުންސިލުން އެކަން ކޮށްދޭން. އަޅުގަނޑު ހިތަށް އެރީ އެހެން ގެތަކުން ގުޅާކަށް ނުޖެހޭނެއޭ. އަޅުގަނޑުމެންގެ ޒިންމާއެކޭ އެއީ ކާނުތައް ސާފުކޮށް ބެލެހެއްޓުމަކީ. އެހެންވީމަ އެކަމަށް ހާއްސަ ވަކި ޓީމެއް އަޅުގަނޑު ނެގީ،"

އާޒިމް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިއަހަރުގެ ޖެނުއަރީ 19ވަނަ ދުވަހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 181 މަގެއްގެ، 27654 އަށް ވުރެ ގިނަ ކާނު ސާފުކޮށްފައިވާ ކަމަށެވެ. އެ 181 މަގުން 1939 ޓަނުގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ނަގާފައިވެއެވެ.

މާލޭގެ މަގެއްގެ ކާނުތައް ސާފުކުރަނީ: ފެންބޮޑުވުން ހައްލު ކުރުމަށް ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ——

"އެކަންވެސް އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ނުވެ ނިމިގެން ދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާލުން،" މާލޭގެ މޭޔަރު ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަކީ ފެހި ފިނި ތަނަވަސް ތަނަކަށް މާލެ ސިޓީ ބަދަލުކުރުމަކީ އާޒިމްގެ ވައުދެކެވެ. އެގޮތުން މައިޒާންތަކާއި ޕާކުތައް ތަރައްގީ ކުރުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން ވަރަށް މުހިއްމު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. މޭޔަރުގެ އެ ވައުދު ފުއްދުމުގެ ގޮތުން މިއަހަރުގެ މިހާތަނަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 10،000 ވުރެ، ގަސް އިންދާފައިވެއެވެ. އެ ގަސްތަކުގެ ތެރޭގައި ހިމެނެނީ ހިޔާދޭ ގަހާއި މާގަސްތަށް ހިމެނެއެވެ. ހިޔާދޭ ގަސްތަކުގެ ތެރޭގައި ހިމެނެނީ އަނބުގަސް، ދިވެހިރުކާއި، ބަބުކެޔޮ، ސައްކެޔޮ، ޖަބްރޯލް، ފޭރު އަދި ކަޅުހުއްތު މޭވާގަހެވެ.

މާލޭގެ އެކި ސަރަހައްދުތަކުން މިހާރުވެސް އެ ހިތްގައިމުކަން ފެނިގެންދެއެވެ.

ސިޓީ ކައުންސިލުން ތަރައްގީކުރާ މައިޒާނެއްގައި ގަސް އިންދާފައި: އާޒިމްގެ މޭޔަރުކަމުގައި މުޅި މާލެ ސިޓީގައި 10،000އަށްވުރެ ގިނަ ގަސް ވަނީ އިންދާފައި ——

"އަސްލު މިފަދަ ކަންކަން ސިޓީ ކައުންސިލުން މިކުރަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އުފާވެރިކަމަށް. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު މާހައުލެއް ގާއިމް ކޮށްދިނުމަށް،" އާޒިމް ވިދާޅުވިއެވެ.

މިއީ މޭޔަރެއްގެ ހައިސިއްޔަތުން މާލެ ސިޓީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މޭޔަރު އާޒިމްގެ އިރުޝާދުގެ ދަށުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. ނަމަވެސް އާޒިމް ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީ ސާފުތާހިރު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

"މީގެކުރިން އަޅުގަނޑަކީ ދައުލަތުގެ ބޮޑެތި ކުންފުނިތަކެއްގައި މަސައްކަތް ކުރި މީހެއް. އެކަމަކު ދަންނަވަންތޯ ވާހަކައެއް. އެތަންތަނުގައި ކުރެވުނު މަސައްކަތްތަކަށްވުރެ މާލޭ ސިޓީގެ މޭޔަރުކަމުގައި ހުރެގެން އަޅުގަނޑު މިހާރު މިކުރަނީ ގޮންޖެހުން ބޮޑު މަސައްކަތެއް. އަދި އެހާމެ ޒިންމާވެސް ބޮޑު މަސައްކަތެއް،" އާޒިމް ވިދާޅުވިއެވެ.