އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތައް މިހާރުގެ ސަރުކާރުން ލަސްކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ދީފައިވާ ގޯތިތަކާއި ފްލެޓްތައް އެ ދިން ގޮތަށް ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށާއި، އެއްވެސް ހާލެއްގައި އެ އެއްޗެހި އަނބުރާ ނުނެގޭނެ ކަމަށެވެ. އޭނާ ވަނީ މި ސަރުކާރަށް ގޮވާލައްވާފައި ވަނީ، ދަފްތަރުގައި ނުވަތަ ކުދި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވާ އުތުރުތިލަފަޅުން އެ ބައިމީހުންނަށް ގޯތި ދިނުމުގެ މަސައްކަތް އަވަސްކުރުމަށެވެ.

އާޒިމްގެ ޕޯސްޓުގައި އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލައްވާ ވިދާޅުވީ، ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބި، ދަތި ހާލުގައި ރައްޔިތުންނަށް އުޅެން ޖެހިފައި އޮތުމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ބޮޑުވެފައިވާކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށް ނުބެލެވޭނެ ކަމަށެވެ.

އޭނާ ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ފަރުވާކުޑަ އަދި ނާގާބިލް ސަރުކާރެއް ކަމަށް ސިފަކުރައްވާފައެވެ.

މޭޔަރު އާޒިމް ވިދާޅުވީ، "ފަރުވާކުޑަ ނާގާބިލް ސަރުކާރަކުން ދަނީ ގޯތި އަދި ފްލެޓް ދިނުން ލަސްކޮއް ރައްޔިތުންނަށް އަނިޔާވިރި ވަމުން" ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ހައްގު ބޯހިޔާވަހިކަން ލިބުން ލަސްވުމަކީ، އެތައް ބަޔަކު ދިރިއުޅުމުގެ ދަތި ހާލަތަކަށް ވެއްޓޭ ސަބަބެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ގެދޮރުވެރިޔާ ސްކީމް"ގެ ނަމުގައި އެމްޑީޕީ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރި 4،000 ފްލެޓުގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓެވެ. އެ ފްލެޓުތަކަށް ކުރިމަތިލި 20،697 މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު އެމްޑީޕީ ސަރުކާރުން ވަނީ ގެޒެޓްކޮށްފައެވެ.

އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޫކުރިއެވެ.

އެމްޑީޕީ ސަރުކާރުން އުތުރުތިލަފަޅުން ބޯހިޔާވަހިކަން ދިއުމަށް އިއުލާންކުރުމުން، އެ މަޝްރޫއަށް 40،594 މީހަކު ފޯމު ހުށަހެޅިއެވެ. ގޯއްޗާއި ފްލެޓަށް ހުޅުވާލި އެ ފުރުސަތުގައި ފްލެޓަށް އެދި 21،247 މީހުން ފޯމު ހުށަހެޅިއެވެ. އަދި ގޯއްޗަށް އެދި 19،347 މީހަކު ކުރިމަތިލިއެވެ.