ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޅ. ކުރެންދޫއަށް ވަޑައިގެން، އެރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުޑަކުޑަ ހައިމާކެއް ބޭނުންކޮށްގެން ފެށުމާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިކަމަށް ފާޑުވިދާޅުވީ ހއ. އަތޮޅުގެ އެންމެ ޝަރަފުވެރި ހަފްލާ ކަމަށްވާ "ތިލައުތުރު އެވޯޑް 2025" ގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ބޮޑެތި ރަށްރަށުގެ ބަނދަރު ފުންކުރަން ބޭނުންވާނީ 3.5 މީޓަރާއި 4 މީޓަރަށް ކަމަށާއި އެކަން ކުރެވޭނީ ބޮޑެތި ހައިމާކުތައް ބޭނުންކޮށްގެން ކަމަށެވެ. ފަސް ޓަނުގެ ހައިމާކަކުން ފުންކުރެވޭނީ އެންމެ އެއް މީޓަރު ކަމަށް ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިފަދަ ކުޑަ ހައިމާކަކުން ކުރެންދޫ ބަނދަރު ރައްޔިތުން އެދޭ މިންވަރަށް ފުން ނުކުރެވޭނެ ކަމަށެވެ.
"ކުރެންދޫ ބަނދަރަށް ވީ ކިހިނެތްތޯ. އެމްޓީސީސީއާ ހަވާލުކުރީމަ، އެމްޓީސީސީ މިކަން މި ކުރަނީ ފަސް ޓަނުގެ އެސްކަވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެސްކަވޭޓަރެއްގެ ކެޕޭސިޓީއަކީ އެއް މީޓަރު. އެއް މީޓަރު ފުން މިން. މިއީ މި ދައްކާ ވާހަކައަކީ. ކީއްތޯ މި ކުރެވެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން އެދޭ ކަންތައްތަކަކަށް ސިޔާސީ މީހުން އިހުމާލުވެގެން ނުވާނެ ކަމަށެވެ. ކޮންމެ ވެރިއަކު ވެސް ވެރިކަމަށް އަންނަނީ ކުރީގެ ވެރިޔާއަށް ވުރެ މޮޅަށް ކަންތައްތައް ކުރަން ކަމަށާއި ރައްޔިތުން ވޯޓު ދިނީ ވެސް އެ މަގްސަދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށް އެންމެން އެއްބަސްވާންޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ ގައުމީ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވިސްނުން އެއް ފަރާތުގައި ބާއްވައި، ގައުމަށް ހެޔޮ ގޮތް ހޯދުމުގެ ވިސްނުން އިސްކުރަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމު ބައިބައިކުރުމުގެ ބަދަލުގައި، ހުރިހާ ސިޔާސީ ފަރާތްތަކާއި ކައުންސިލްތަކުގެ މަސައްކަތަކަށް ވާންވާނީ ގައުމަށް ތަރައްގީ ގެނައުން ކަމަށެވެ. މީގެ އިތުރުން، ރަށްރަށަށް ކުރާ ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ބައެއް ބޭފުޅުން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެއީ ވެގެންވާނެ ގޮތެއް ނޫން ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވަޒީފާ ދިނުމުގެ ނިޒާމަށް ވެސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ވަޒީފާ ލިބެމުންދަނީ ފަންނީ، އިލްމީ، ހުނަރުވެރި، ގާބިލު މީހުންނަށް ނޫން ކަމަށާއި، ތައުލީމު އުނގެނިގެން އިންޓަވިއުއަކަށްދާއިރު އެ ކުއްޖަކު އޮންނަނީ 60 ނުވަތަ 80 ވަނާގައި ކަމަށެވެ.
ޖަލްސާގެ ނިންމުމުގައި ޔާމީން ވަނީ "ތިލައުތުރު އެވޯޑް 2025" އަކީ ހއ. އަތޮޅުގެ އެންމެ ޝަރަފުވެރި ހަފްލާކަން ފާހަގަކުރައްވާފައެވެ. އަދި އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު ދެއްވުމުން އެ ދައުވަތު ގަބޫލު ނުކުރެއްވި ކަމަށް ވިދާޅުވެ، ރައީސަށް ފާޑުވިދާޅުވެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.
އުންމީދަކީ އުފާވާ ޖަވާބުތަކެއް ސަރުކާރުން ލިބިގެންދިއުން: އިމްރާން
ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި
ރަސްމީ ރިޒާވަށް 6 މިލިއަން ޑޮލަރުގެ އިތުރުވުމެއް
މަޓޭ ބަންދުން ދޫކޮށްލައިފި، އަދިވެސް އޮތީ ހޮސްޕިޓަލުގައި
ތަމްރީނު ދަތުރެއްގައި ފުލުހުންގެ އޮފިސަރުންތަކެއް އިންޑިއާގައި