ސެންޓާ އެންޓަޕްރައިސަސްގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ބަންޑާރަ ނާއިބުގެ އޮފީހުން ޕޮލިހަށް ހުށަހަޅައިފިއެވެ.
އޭޖީ އޮފީހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ސެންޓާ އެންޓަޕްރައިސަސް) އިން 2021 ވަނަ އަހަރުގައާއި 2022 ވަނަ އަހަރުގައި ދިވެހި ދައުލަތާ ދެކޮޅަށް ޖުމްލަ 04 (ހަތަރެއް) ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހަތަރު ދައުވާގައި ސެންޓާ އެންޓަޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަމާއިމެދު އާއި، އަދި ބައެއް މުއާމަލާތްތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
މި މައްސަލަތައް 04 ސެޕްޓެންބަރު 2022 ގައި އަދި އޭގެ ފަހުންވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ވެސް އެ އޮފީހުން ހުށަހަޅާފައިވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި ހަމަ އެ ތާރީހުގައި އެ މައްސަލަތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އެ އޮފީހުން ގެނެސްފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އޭޖީ އޮފީހުން ބުނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން 19 އޮކްޓޫބަރު 2025 ގައި ޝާއިޢުކޮށްފައިވާ "ސެންޓަރ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ ހާއްސަ އޮޑިޓްގެ ރިޕޯޓް" ގައި ސެންޓާ އެންޓާޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަނޫން ލިޔެކިޔުންތަކެއް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އަށް ބުރަވެވޭ ކަމާއި، އެ ފަދައިން އެ ކުންފުނިން އަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ކަމަށް އޭޖީގެ ބަޔާނުގައިވެއެވެ.
އަދި އެ މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަޔަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރެލް އިރުޝާދު ދީފައި ވާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރައްވައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި އޭޖީ އޮފީހުން މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފާވާނެ ކަމަށް ވެސް އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.