މި މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރު ކުރި މީހުން 15 ދުވަހަށް ބަންދުކޮށްފައި ވަނިކޮށް، އަނެއްކާވެސް އެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ފުލުހުން އެދުމުން، ކޯޓުން އެ މީހުން ދޫކޮށްލައިފިއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ފުލުހުން އަނެއްކާވެސް އެދުނީ އެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖެހުމަށެވެ. ނަމަވެސް ކޯޓުން ވަނީ ބައެއް މީހުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ.

މުޒާހަރާއިން ހައްޔަރު ކުރި ހަ މީހުންނަކީ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކ. މާފުށި ކައުންސިލްގެ ރައީސް ހުސައިން ސޮލާހާއި އަލީ ޖުމާން އާއި ހުސައިން ޝާކިރާއި އަޒީމް އަލީއެވެ.

އެ މީހުން ހައްޔަރު ކުރީ އާޓްފިޝަލް ބީޗުގައި ފެށި މުޒާހަރާގެ މިސްރާބު މަޖީދީމަގަށް ބަދަލުކޮށް، ކުރިއަށްދާން އުޅުމުގެ ތެރޭގައި ފުލުހުން މުޒާހަރާއަށް ހުރަސް އެޅުމުން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައެވެ.

ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ އާއި ކަންފަތުގެ ތޫރިއަށް އުނދަގުވާވަރުގެ އަޑުގަދަކުރާއެއް ބޭނުންކޮށްފައެވެ.

މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި މައްސަލަ އެމްޑީޕީން ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.