އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމާއި ސިއްހީ ދާއިރާއަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. ފުނަދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށް ކަމަށެވެ.
އަދި މި ދެ ދާއިރާގެ ތަރައްގީ ކަށަވަރުކުރެއްވުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނުއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ތިން ބިލިއަން، 3000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،" ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި ހާއްސަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތައުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ.
ސިއްހީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސާޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މާލެ އާއި، ސަރަހައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ސިއްހީ ހިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.