ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވްތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން ކަނޑައަޅުއްވާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އަސާސީ ކާބޯތަކެއްޗަކީ އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެތި ކަމަށެވެ.
އެއީ އިންސާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބައި ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެގޮތުން ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، މިއަދުން (15 އޮކްޓޯބަރ 2025) ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އަދި އެ ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށްވެސް ބުންޏެވެ.
ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތައް:
މޭވާ
- ދޮންކެޔޮ- އާފަލު- އޮރެންޖު- ލުނބޯ- ޖުމްހޫރީމޭވާ- އަނބު- ފަޅޯ- ކަރާ- މިރުސް- މޭބިސްކަދުރު
ތަރުކާރީ
- ފިޔާ- އިނގުރު- ކެރެޓު- ބަށި- ކައްޓަލަ- އަލުވި- ކެބެޖު- ބަރަބޯ- ބޯވެލި- ލޮނުމެދު
އެސްޓީއޯ އިން ބުނީ އެ 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށެވެ.
އެހެނިހެން 3 ބާވަތުގެ ކާބޯތަކެތި
- ރީނދޫ މުގު- ކުކުޅު ބިސް- ކާށި
އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިގްތިސޯދީ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.ހަމަ މިއާއިއެކު، ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރެވެމުން ކަމަށް އެކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނީގެ އަމާޒަކީ ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށެވެ.