އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެނޭތޯ ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުގެ ނިޔަތް ރަނގަޅު ނޫން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ދިވެހިރާއްޖެ ފަދަ ޑެމޮކްރެޓިކް އުސޫލުން ހިންގާ ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއްކަމަށް މި ޕާޓީން ގަބޫލުކުރާ ކަމަށެވެ.

އަދި އެކަން ކުރަންވާނީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ބާރު އެންމެ ފުރިހަމައަށް ކަށަވަރުކުރުމުގެ ސާފުސީދާ މަގުސަދުގައި ކަމަށްވުމަކީ ލާޒިމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންނަމަވެސް، މިފަދަ ވޯޓެއް ނެގުމަށް އިއުލާނުކޮށްފައި ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ބިލު ދިރާސާކުރުމަށާއި، އެ ބިލާމެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ފާސްކޮށްގެންކަމުގައި ވާތީ، މި ކަމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަން އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އެ ބިލުގައި ހުރި ކަންބޮޑުވާ ކަންކަން ފާހަގަކޮށް، ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އޭރު ހުށަހެޅިއެވެ. އެގޮތުން، ހިޔާލު ހޯދުމުގެ ވޯޓުތަކުގައި، ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް އޮތް މާއްދާތައް ބަދަލުކޮށް، އެ ފަދަ ވޯޓުތައް ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިންކަމުގައި ހެދުމަށާއި، އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އައްޑޫގައި ވޯޓް ނެގުމަށް މިހާރު ކަނޑައަޅައިފައިވާ މުއްދަތަކީ، މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

އަދި އެ ފަދަ ބަދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދީފައިނުވާކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ދެންނެވުނު ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ތާއީދުނުކުރާނެކަމަށް ރައީސް މުއިއްޒު އިއުލާނުކޮށްފައިވުމުން، މި ކަމަކީ އެއްވެސް ހަރުދަނާ ވިސްނުމެއް، ސީދާ މަގުސަދެއް އަދި ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްކަން ހާމަވެއެވެ،" ބަޔާނުގައިވެއެވެ.

މި ދަނޑިވަޅުގައި މި ފަދަ ކަމެއް ކުރުމުގެ ބޭނުމަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި އޮތުމާއި، ސަރުކާރުގެ ނާގާބިލުކަމާއި ރައްޔިތުންނާމެދު އަޅައިލުމެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ މައްސަލައާ ދުރަށް ރައްޔިތުންގެ ސަމާލުކަން އަނބުރައިލުން ކަމަށް އެމްޑީޕީން ބުނެއެވެ.

އެހެންކަމުން، މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުންސުރެ އުފެދިފައި ހުންނަ ބައެއް ކުދިކުދި ނުތަނަވަސްކަމާއި ދެބަސްވުންތައް ފިތުނައާއި ހަސަދައަށް ބަދަލުކޮށްގެން، އެ ކަންކަމުން ސިޔާސީ މަންފާ ހާސިލުކުރަން ސީދާ ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ކަމެއްކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.