އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓުތައް، ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު މުއްތަބިލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން އެތަންތަން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެ ފްލެޓުތައް ކުއްޔަށް ދޫކުރާ މީހުން ހޯދާނެ ކަމަށެވެ.
އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ ފްލެޓުތަކަކީ، އާމްދަނީ ހޯދަން ދޫކުރާ ފްލެޓުތަކެއް ނޫން ކަމަށާއި އެތަންތަނުގައި ދިރިއުޅެން ޖެހޭނީ އެތަންތަން ލިބިފައިވާ މީހުން ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ފްލެޓުތައް ލިބުނު މީހުން ފިޔަވާ އެހެން އެއްވެސް ބަޔަކު "ހިލޭ" ވިއަސް އެތަންތަނުގައި ދިރިއުޅެގެން ނުވާނެ ކަމަށެވެ.
"އެހެން ފަރާތަކަށް އެތަން ދެވިގެން ނުވާނެ ހިލޭ ވެސް ދިރިއުޅޭކަށް. އެއީ އެ އާއިލާއެއްގެ ހާލަތަށް ބަލާފައި ދީފައި ހުރި ތަނެއް. އެ އާއިލާ އެތަނެއްގައި އުޅެން ޖެހޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބް މިފަދައިން ވިދާޅުވެފައި މިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ބައެއް ފްލެޓުތައް 25،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ އަގަކަށް ކުއްޔަށް ދިނުމަށް ޖަހާފައިވާ ދަނޑިވަޅެއްގައެވެ.