އެއް ދުވަހު ކަމުދާ ލީޑަރަކު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަކިކުރެއްވި މަހާޒު އަލީ ޒާހިރުގެ ނަން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަން ލިސްޓުގެ އެންމެ ކުރީގައި ހިމެނިފައިވާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ފާޑު ވިދާޅުވުމުންނެވެ.
މީކާއިލް ވަނީ އިތުބާރު ނެތިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި މަހާޒު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހަށް ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތުމުން ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.
މީކާއީލް ވިދާޅުވީ މަހާޒަކީ ދާދިފަހަކާއި ޖެހެންދެން ޕީއެންސީގެ މެންބަރުންނަށް ކޮރަޕްޓްު އަދި ނަޒާހަތްތެރިކަމެއް ނެތް، ބޭފުޅެއް ކަމަށެވެ.
މީކާއީލްގެ ވާހަކަފުޅަށްފަހު އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން އަބްދުއްރަހީމް ވަނީ ދުނިޔެ ހިނގަމުންދާ އިރު އެކި ދުވަހު އެކި ގޮތަށް ކަން ހިނގުމަކީ ދުނިޔަވީ ގާނޫނު ކަމަށެވެ.
"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ. އެއް ދުވަހު އެ ލީޑަރަކާ ނުލައި ދުނިޔޭގައި އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީގައި ދުނިޔޭގައި ނޫޅެވޭ ހިސާބަށް ވެސް ހިނގައިދާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރެއްވީ މިދިޔަ މޭ މަހުގެ 14ވަނަ ދުވަހުއެވެ. މަހާޒާއެކު އެ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރުވެސް ވަކިކުރެއްވިއެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމީ ޖޭއެސްސީން ބެލި އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވުމުންނެވެ.
ފަނޑިޔާރުކަމުން ވަކިކުރެއްވުމުން ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން، ބަންޑާރަނައިބު އަހުމަދު އުޝާމް ނުފޫޒު ފޯރުއްވި ވަރަށް ނުފޫޒު ފޯރުވާ ބަންޑާރަ ނައިބެއް ނުދެކޭ ކަމުގައި ކަމަށް ވިދާޅުވެ މަހާޒު ވަނީ ފާޑު ވިދާޅުވެފައެވެ.