ރޭ އިދިކޮޅު އެމްޑީޕީން ކުރިޔަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުންކޮށްފައި ވާނީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކަމަށް ފުލުހުން ބުނެފިއެވެ.
މުޒާހަރާ ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް މިސްރާބު ޖަހައިފައެވެ. ނަމަވެސް ފުލުހުންނާއެކު އެއްބަސްވެފައިވާ ގޮތާއި ހިލާފަށް އަމަލުކުރުމުން ކަމަށް ބުނެ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ޕެޕާ ސްޕްރޭ އާއި ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުން ވެސް ކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ބޭނުން ކޮށްފައި ވާނީ ފުލުހުންގެ ގާނޫނުންނާއި ހެދިފައިވާ ގަވާއިދުތަކުން އެފަދަ ހާލަތްތަކުގައި ބޭނުން ކުރަން ހުއްދަ ބާރު ކަމަށެވެ.
ބާރުގެ ބޭނުން ރޭގެ މުޒާހަރާގައި ކޮށްފައިވީ ނަމަވެސް ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ވެސް ފުލުހުން ބުންޏެވެ.
"ގާނޫނު ނެގެހެއްޓުމުގެ ގޮތުން މި ހިދުމަތުގެ ފަރާތުން ނަސޭހަތާއި އިންޒާރު ދިނުމަށް ފަހު އެއް އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކު ކޮށްފައިވާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލައިލުމާއި ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުން ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފް ހަރަކާތްތަކެއް ހިންގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.