އިންޑިއާ-ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ) ޓްރޭޑް އެންޑް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމެންޓް (ޓީއީޕީއޭ) އަށް އަމަލުކުރަން ފަށައިފިއެވެ.

އެ އެގްރީމަންޓަށް އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 10ވަނަ ދުވަހުއެވެ.

މި ފްރީ ޓްރޭޑު އެއްބަސްވުމުގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކުރުމާއި އިންވެސްޓުމަންޓުތައް ގެނައުމަށް ހިމަނާފައިވެއެވެ. މިއީ މިފަދަ ގޮތަކަށް އިންޑިއާ އިން ފްރީ ޓްރޭޑު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފުރަތަމަ ފަހަރުވެސްމެއެވެ.

ސާދަ ބާބެއްގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގައި މައިގަނޑު އަމާޒުތަކުގެ ތެރޭގައި ވިޔަފާރިއަށް ހުރި ފަންނީ ހުރަސްތަކާއި، އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމާއި، ހިދުމަތްތަކަށް މާކެޓަށް ވަދެވޭނެ ގޮތާއި، ފިކުރީ މުދަލުގެ ހައްގުތަކާއި، ވިޔަފާރިއާއި ދެމެހެއްޓެނިވި ތަރައްގީއެވެ.

ޓެޕާގެ ދަށުން އީއެފްޓީއޭގެ މާކެޓް އެކްސެސް ޕްރޮޕޯސަލްގައި ދަނޑުވެރިކަން ނޫން އުފެއްދުންތަކަށް ފުލް ކަވަރޭޖް އަދި ޕްރޮސެސްޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް (ޕީއޭޕީ) ގެ ޓެރިފް ކުޑަކުރުން ހިމެނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި 100 ބިލިއަން ޑޮލަރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރުކޮށް، މި އިންވެސްޓްމަންޓްތައް މެދުވެރިކޮށް އިންޑިއާގައި 1 މިލިއަން ވަޒީފާ އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

އީއެފްޓީއޭ އަކީ ބައިނަލްއަގުވާމީ މުދާ އާއި ހިދުމަތުގެ ވިޔަފާރި ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭ ސަރަހައްދީ ޖަމިއްޔާއެކެވެ. އެއީ ޔޫރަޕްގެ އެންމެ ބޮޑު ތިން އިގުތިސާދީ ބްލޮކްގެ ތެރެއިން އެއް ގައުމެވެ. އީއެފްޓީއޭގައި އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔަކީ ސްވިޒަލޭންޑެވެ.

ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ހިއްސާކޮށްފައިވާ މައުލޫލާތުގައި ވަނީ ޓެޕާގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓަރުންނަށް ހާއްސަ ވަސީލަތްތަކެއް ހޯދައިދީ، ވިޔަފާރި އާއި އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގާއިމް ކުރެވޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އިންޑިއާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުން އިތުރުވެ، ހިދުމަތުގެ ދާއިރާ އަށް އިތުރު މާކެޓްތަކަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް ވެއެވެ.

ޓެޕާގެ 7.1 ވަނަ މާއްދާގައިވާ ގޮތުން އީއެފްޓީއޭ ގައުމުތަކުގެ އަމާޒަކީ މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާތާ 10 އަހަރު ދުވަހުގެ ތެރޭގައި 50 ބިލިއަން ޑޮލަރަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އިތުރުކުރުމެވެ.

ޓެޕާގެ ދަށުން އީއެފްޓީއޭ އިން ވަނީ އިންޑިއާގެ އެކްސްޕޯޓްގެ 99.6 ޕަސެންޓް ކަވަރު ކުރާ ޓެރިފް ލައިންތަކުގެ 92.2 ޕަސެންޓަށް އޮފާތައް އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ދަނޑުވެރިކަން ނޫން އުފެއްދުންތަކަށް ފުލް ކަވަރޭޖް ދިނުމާއި، ޕްރޮސެސްޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް (ޕީއޭޕީ) އިން ނަގާ ޓެރިފް ކުޑަކުރުން ހިމެނެއެވެ.

ޓެޕާ އަކީ "މޮޑެލް އެގްރީމެންޓެއް" ގެ ގޮތުގައި ފާހަގަކޮށްލެވޭ އަދި އީއެފްޓީއޭއާ އެކު ހަރުދަނާ މުސްތަގުބަލެއް ބިނާކުރުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތުކަން އަންގައިދޭ އެއްބަސްވުމެކެވެ.